ހދ. ހަނިމާދޫގައި އަޅާ އެއާޕޯޓާއެކު މުޅި ބޮޑުތިލަދުންމަތި އިޤްތިޞާދީ ވަރުގަދަ ހަބަކަށްވުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެއަރޕޯޓް ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން ބޮޑު ތިލަދުންމަތި ހިމެނޭ ސަރަހައްދުގެ އިގްތިޞޯދަށް ދިރުން ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އެތައްހާސް ވަޒީފާތައް އުފެދުމާއި ގެސްޓް ހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ރިސޯޓުތަކުގެ އެނދުތައް، އެތައް ގުނައެއް އިތުރުވެގެންދިއުމާއި އެކި ބާވަތްތަކުގެ ވިޔަފާރިތަކާ، އިޤްތިޞާދީ މަސައްކަތްތަކަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންގޮސް ބޮޑުތިލަދުންމައްޗަކީ އިޤްތިޞާދީ ވަރުގަދަ ހަބަކަށްވުމަށް މަގުފަހިވެގެންދާނެކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



"މި އެއަރޕޯޓް ވެގެންދާނީ ބޮޑުތިލަދުންމައްޗާއި، މި އުތުރުގެ ރައްޔިތުން ފަޚްރުވެރިވާނެފަދަ ޒަމާނީ އެއަރޕޯޓަކަށް. މި އެއަރޕޯޓް ނިމުމާއެކު، ސީދާގޮތުންނާއި ނުސީދާގޮތުން މި ސަރަޙައްދުގެ އިޤްތިޞާދު ފެނުން ތޮޅިލައި އުދަވާން ފަށާނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް އަޅާ 2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކީ ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ ބޮޑެތި މަތިންދާބޯޓުފަހަރަށް އަޅާ ރަންވޭއެއް ކަމަށެވެ. އެ އެއާޕޯޓް ތަރައްގީވެގެން ދާއިރު ބައިނަލްއަޤްވާމީ އެއަރޕޯޓަށް ބޭނުންވާނެ ހުރިހާ ވަސީލަތްތައް ހަނިމާދޫގައި ޤާއިމްކުރެވޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ އުތުރަށް ޖެހެން މި ފެށީ ބޮޑު ބަދަލުގެ ހެޔޮ ރޯޅި ކަމަށެވެ. އެ ބަދަލު ގެނެވެނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި ޓަރޝަރީ ޞިއްޙީ ޚިދުމަތް ޤާއިމުކުރުމަކީ އެ ބަދަލަށްޓަކައި ކުރާ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރޭ ޢަމަލީ މަސައްކަތް ފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވެންވާއިރަށް އެކުއެކީ އަންނަ އެހެން ބަދަލެއް ވާނެ ކަމަށެވެ.

އެއީ ބޮޑުތިލަދުންމައްޗަކީ އިންވެސްޓަރުންނަށް ފައްކާވެފައި އޮންނަ، މީހުން ދިރިއުޅޭ 41 ރަށުގެ މައްޗަށް އެކުލެވޭ ބޮޑު އާބާދީއަކަށްވެ ޓޫރިޒަމް ތަރައްޤީ ކުރަން ނަލަ ރީތި ގިނަ ރަށްތަކެއް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާޕޯޓް ހުޅުވެން ވާއިރަށް ތިލަދުންމަތީގެ ހަމަ ކޮންމެ ރަށަކީވެސް ޓޫރިޒަމް ނުވަތަ ދަނޑުވެރިކަން ނުވަތަ އިޤްތިޞާދީ އެހެނިހެން ކަންކަމަށް ތައްޔާރުވެފައި އޮންނާނެ ރަށަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު