ރައްޔިތުންގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅޭ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން ވާދަވެރި ފަރާތްތަކުން ދައްކާ ދޮގު ވާހަކަތައްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ ރައްޔިތުން ލާބައާއި މަންފާއަށް މިސަރުކާރުން ކޮށްދީފައިވާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި، ދުރާލާ ރާވައިގެން ވަރުގަދަ ޕްލޭންތަކެއް ހުރެގެންކަމަށެވެ. ނަމަވެސް ވާދަވެރިން ދައްކާ ވާހަކަތަކުގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކަށް ހުރަސް އެޅޭކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ތަރައްގީއަށް ހުރަސް އަޅަން ދޮގު ވާހަކަ ދައްކަނީ. ހުރަސް އެޅޭ މަސައްކަތަށް. ދަރަންޏޭ ކިޔާތީ، އިންވެސްޓަރުންނަށް އަސަރު ކުރޭ. ކަންކަން ލަސްވުމުގެ ވަރަށް ބޮޑު ސަބަބެއް ދޮގު ވާހަކަތައް ދެއްކުން. ސިޔާސީ މަންފާއެއް ހޯދަން، ވެރިކަން ހޯދަން، ތަރައްގީއަށް ހުރަސް އަޅާފައި، މިސަރުކާރު ފެއިލް ކޮށްލަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ބާއޭ. މިއީ ރައްޔިތުން ކޮށްލަން ރަނގަޅު ސުވާލެއް." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ވާދަވެރިން ކިތަންމެ ވަރަކަށް ހުރަސް އެޅިކަމުގައިވިޔަސް، ފަސް ނުޖެހި ކެރިގެން، ރައީސް ސާލިހާއެކު ކުރިއަށްގޮސް ރައްޔިތުންގެ ހުރިހާ އުއްމީދެއްގައި ކުލަ ޖައްސައިދޭނެކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ފައްޔާޒު ވިދާޅުވީ މިއީ މާލެ ސަރަހައްދުން ބޭރުގައި ފަށާ އެންމެ ބޮޑު ޕްރޮޖެކްޓްކަމަށެވެ. އަދި މި މަޝްރޫއާއެކު އިގްތިސާދިގޮތުން ބޮޑު ކުރިއެރުމެއް އެ ސަރަހައްދަށް ލިބިގެންދާނެކަން ފައްޔާޒު ފާހަގަކުރެއްވިއެެވެ.

"32 އަހަރު ބޮޑު ތިލަދުންމަތީގެ ރައްޔިތުން ކުރަމުންދިޔަ އިންތިޒާރު ނިމުމަކަށް މިއައީ." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ކުރާއިރު ގޮންޖެހުންތައް އަންނަކަމަށާއި ނަމަވެސް ސަރުކާރުން ވެފައިވާ ވައުދުތައް ދަނީ ފުއްދަމުންކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓް މަޝްރޫއަކީ އުތުރުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދައިދޭން މަގުފަހިވެގެންދާނެ ކަމެއްކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"މިއޮތް ހުރިހާ ދުވަހު މިސަރަހައްދުގައި ފަތުރުވެރިކަން ކުރިނާރާ އޮތީ ފަތުރުވެރިން ގެންނާނެ ގޮތެއް ނެތުމުން. ރިސޯޓްތައް ހަދާ މީހުން އިންތިޒާރު ކުރަނީ ސަރުކާރުން އެއަރޕޯޓްތައް ހަދަން. އެކަންވެސް މިއަދު މިދަނީ ނިމެމުން." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިސަރުކާރުން ރާއްޖެއަށް ގެންނަމުން މިދަނީ ވޭތުވެދިޔަ ގަރުނުތަކެއްގައިވެސް ނުގެންނަވަރުގެ ބަދަލުތަކެއްކަމަށެވެ. އަދި ލިބޭ ވަރަކުން ކަންކަން ކުރަން މަޑުނުކޮށް، ދަރަނި ނަގައިގެންވެސް އެކަންކަން ކުރަނީ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކިބައިގައި އެ ހިތްވަރު ހުރުމުންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު