ތަރައްގީގެ މަސައްކަތްތައް ކުރުމަށް ސަރުކާރަށް ލިބުނު 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެހެން އެއްވެސް ސަރުކާރަކުން 5 އަހަރުގެ ތެރޭގައި ނުކުރާވަރުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވިއްޖެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަތުރުފުޅުގައި އެއަތޮޅު އިހަވަންދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ޕްރައިމަރީގައި ގޮތެއް ނިންމާއިރު ވަރަށް ފުންކޮށް ވިސްނަންޖެހޭކަމަށެވެ. އަދި އެމްޑީޕީ ވެރިކަމަށް އައީ ގިނަ ވައުދުތަކެއް ވެގެންކަމަށާއި އެ ވައުދުތައް ފުއްދަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިހަވަންދޫއަށްވެސް، މާރެންދޫއަށްވެސް، މޮޅަދޫ އަށްވެސް، ބޮޑު ތިލަދުންމައްޗަށްވެސް ވައުފުތަކެއް ވިން. މިހާހިސާބަށް އައިއިރު ވަރަށް ގިނަ ކަންކަން ފެށި، ނިމި، އަނެއް ބައި ކަންކަން ފެށިގެން ކުރިއަށް އެބަދޭ. މަސައްކަތް ކުރަމުންދިޔައީ ވެރިކަމުގެ ފަހު އަހަރު އަންނައިރު ނުފެށޭ އެއްވެސް ކަމެއް ނުބާއްވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް. ނަމަވެސް ކޯވިޑާއި ގުޅިގެން ބައެއް ކަންކަން މަޑުޖައްސާލަން ޖެހުނު. އެންމެ ބޮޑު އިސްކަމެއް ދިނީ ކުރިމަތިވި ޢާލަމީ ވަބާއިން ރައްޔިތުންެ ސަލާމަތްކުރުމަށް." ރައީސް ވިދާޅުވިއެވެ.



ރައީސް ސާލިހު ވިދާޅުވީ ކޯވިޑާއި ގުޅިގެން އެހެން ގައުމުތަކަށް ކުރިމަތިވި ކަންކަން ރާއްޖެއަށް ކުރިމަތި ނުވީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތައް ކުރުމަށް ސަރުކާރަށް ލިބުނު 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެހެން އެއްވެސް ސަރުކާރަކުން 5 އަހަރު ތެރޭގައި ނުކުރާވަރުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

"ނަމަވެސް ބައެއް ބޭފުޅުން އެކަންކަން ހަނދާނެއް ނެތް. މިދިޔަ 4 އަހަރަކީ އާއްމު ހާލަތެއްގައި އޮތް 4 އަހަރު ކަމަށް ހަދައިގެން ބައެއް ބޭފުޅުން ވާހަކަދައްކަވަމުން އެބަދޭ. އެހެންނަމަވެސް މި ލިބުނު ދެ އަހަރު ތެރޭގައި އެއްވެސް ސަރުކާރަކުން 5 އަހަރު ތެރޭގައި ނުކުރާވަރުގެ ގިނަ މަސައްކަތްތަކެއް އެކި ކަންކޮޅުތަކުގައި ކުރެވިއްޖެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިހަވަންދޫއަށް ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނުއިރު އިހަވަންދޫއަށް 129.7 މިލިއަން ރުފިޔާ، މާރާންދޫއަށް 34 މިލިއަން ރުފިޔާ، މޮޅަދޫއަށް 49 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިއީ އަސާސީ ކަންކަމާއި ދިރިއުޅުމުގެ ކަންކަން އިތުރަށް ރަނގަޅުކުރުމަށް، ސީދާ ރައްޔިތުންނަށް މިސަރުކާރުން ކޮށްދީފައި ހުރި ކަންކަންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު