ކޮންމެ މީހަކަށްވެސް އެމީހަކު ކުރާ ކަމެއްގެ ނުރަނގަޅު އަސަރު އިޙްސާސްވާނީ އެކަމެއްވެ ނިމުމުން ނެވެ. ދުނިޔެވީ ތަޖުރިބާ ދަސް މިވަނީ ކުރެވޭ ރަނގަޅު ކަންތަކާއި ނުރަނގަޅު ކަންތައްތަކުގެ ތެރެއިން ނެވެ. ޚާއްސަ ގޮތެއްގައި ބިނާކުރެނެވި ތަޖުރިބާ ދަސްވަނީ ކުރެވޭ ނުރަނގަޅު ކަންކަމުގެ ތެރެއިން ނެވެ.

ނަމަވެސް ފުރާވަރުގެ ބައެއް އަންހެން ކުދިން، އެކުދިންނަށް ކުރެވޭ ނުރަނގަޅު އާދަކާދަތައް އިޙްސާސް މިވަނީ އެކަމުން ސަލާމަތް ނުވާ ހިސާބަށް ދެވޭ ފަހުންނެވެ. އޭރު އޮންނަނީ ހަތަރު އުދަރެސް ފެނުޖެހި އަނދަވަޅުގައި ރަނގަޅަށް ތާށި ވެފައެވެ. ފަހަތް އެނބުރި ބަލާލިނަމަވެސް ފެންނަނީ އަނދިރި ބޯވިލާތަކެވެ. އެހެން ކަމުން މިފަދަ ކަންކަމުން ސަލާމަތް ވުމަށް ހުސްހަށިބައި ނުވަތަ ފުރާވަރުގެ އަންހެން ކުދިން ތިރީގައި އެވާ ކަންކަމަށް ވިސްނާލުން މުހިއްމެވެ.

ފުރާވަރު އަންހެން ކުދިންނަށް މިވިސްނެނީ އެމީހުންނަށް ހުރިހާ ކަމެއް ބަދަލު ކުރެވިދާނެ ކަމަށް.

ހުސްހަށިބައިކޮށް ތިބޭ ހުރިހާ އަންހެން ކުދިންނަށްވެސް މިގަބޫލު ކުރެވެނީ އެކުދިން ބޭނުންވާ ގޮތަށް އެކުދިންގެ ޒަވާޖީ ހަޔާތް ބައްޓަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަމެއް އެގޮތަކަށް ގިނަފަހަރަކު ނުދާނެއެވެ. ބައެއް ކުދިން މީގެ ސަބަބުން ގެވެށި އަނިޔާއާއި ކުރިމަތި ލައެވެ. އަދި ފިރިސޮރުގެ މަކަރުވެރި އޮޅުވާލުމުގައި ރަނގަޅަށް ތާށިވެއެވެ. އަދި އެއަންހެން ކުދިން ކުރާ އެއްވެސް ރަނގަޅު ކަމެއް ބަލައި ނުގަނެ ދެމީހުންގެ މެދުގައި މައްސަލަ އުފެދޭ ގޮތް މެދުވެރި ވެއެވެ.

މިހުރިހާ ކަމެއް މިދިމާވަނީ އަންހެން ކުދިން އެކުދިންގެ ޚިޔާލާއި ވިސްނުމަށް ޒަވާޖީ ހަޔާތް ބައްޓަން ކުރަން އުޅުނީމައެވެ. އެގޮތަށް އަމިއްލަގޮތް ދޫނުކޮށް ކުރިއަށްދާން ދިމާކުރުމުން އާޚިރުގައި މެދުވެރިވާ އުނދަގޫ ތަކުން އަރައި ގަންނާކަށް އެހާ ފަސޭހައެއް ނުވާނެ އެވެ. އެހެން ކަމުން ޒަވާޖީ ހަޔާތެއް ފަށާއިރު ތިމާ ޚިޔާރު ކުރާ މީހާ ރަނގަޅަށް ދަސްކުރާށެވެ.

ލޯތްބާއި ފައިސާ އެއްވަރު ކުރުން.

މިދުނިޔޭގައި މިހާރު ހުރިހާ ކަމަކަށް އެންމެ މުހިއްމު އެއްޗަކީ ފައިސާ އެވެ. ފައިސާއާއި ނުލާ ރަނގަޅަށް މީހަކަށް ނޭވާވެސް ނުލެވެއޭ ބުނެލިޔަސް ދޮގަކަށް ނުވާނެ އެވެ. ނަމަވެސް މިވިސްނުމަކީ ޒަވާޖީ ހަޔާތަކަށް އެހާ ރަނގަޅު ވިސްނުމެއް ނޫނެވެ. ސަބަބަކީ ފައިސާ ހުންނަ މީހާ އެފައިސާ އަންހެނަކަށް އެއޮއްސާލަނީ އެއްވެސް ހާލެއްގައި އޭނަ ދެކެ ލޯބިވާތީއެއް ނޫނެވެ. އެހެނަސް އަންހެނުންނަށް ގަބޫލު މިކުރެވެނީ ފައިސާ އެހާވަރަށް ޚަރަދު ކުރަނީ ލޯބިވާތީ ކަމަށެވެ. އޭގެ ހިތިރަހަ ކަރުބުޑުގައި ލުމުން ނޫނީ އެފަދަ އަންހެން ކުދިންނަކަށް އެކަމެއް ހަމަ ހިލާ ނުވިސްނެއެވެ. ފައިސާ ހުންނަމީހާ، އެހެން ރީތި އަންހެނެއް ފެނުނަސް ފަހަތުން ދުއްވައި ގަންނާނެ އެވެ. ރައްޓެހިވެގެން އުޅޭ ދުވަސްވަރު ތިމާ މާބޮޑަށް ލޯބިވާ ކަމަށް ދައްކަން ޚަރަދު ކުރާ އެއްވެސް ފިރިހެނެއްގެ ހަގީގީ ލޯތްބެއް ނޮއޮންނާނެ އެވެ. އެމީހުން އެކަމެއް އެވަގުތަށް ބޭނުންވުމުން ޚަރަދު ކޮށް އަދި ނުވިތާކަށް އުޑުން ތަރިވެސް ބާލަ ދެނީއެވެ. އެއީ ހަމަ ދައްކާލާ ދަޅައެކެވެ.

އުފާވެރިކަން ލިބެނީ ކޮންމެވެސް ގުޅުމެއްގައި އުޅުގެން ކަމަށް ގަބޫލުވުން.

ވަކި އުމުރަކަށް ދިއުމުން ތިމާ މީހާއަށް އުފާވެރިކަން ލިބޭނީ ހަމަ ވީހާވެސް އަވަހަށް ކައިވެންޏެއް ކޮށްގެން ކަމަށް ބައެއް އަންހެން ކުދިން ގަބޫލު ކުރެއެވެ. އެކަމަށްޓަކައި އަމިއްލަ ސިކުނޑިން ވިސްނުމަށްފަހު މީހަކާއި ހިތާވެ އަވަހަށް ކައިވެނި ކޮށްލައެވެ. ހަގީގީ އުފާލިބޭނީ ތިމާމީހާގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. މީހެއްގެ ފަރާތުން އުފާވެރިކަމެއް ލިބިދާނެ ކަމަށް ގަބޫލު ކުރަންވާނީ އެކަމަކަށް ޔަގީންވާ ހިސާބުންނެވެ.

ރަނގަޅު ނުރަނގަޅު ލިސްޓު ހެދުން

ތިމާ ބޭނުންވާ ހުރިހާ ސިފަތަކެއް ހަޔާތުގެ ބައިވެރިޔާގެ އުޅުމުގައި ހުންނަކަމަށް ލިސްޓްކުރުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ތިމާ ގޮވައިގެން ބާޒާރަށް ޖައްސާލާ ބޭނުންހާ އެއްޗެއް ގަނެދޭ މީހާއަކީ އެލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ މީހާ ކަމުގައި ދެކިގަތުމަކީ ކުރެވޭނެ އެންމެ ނުރަނގަޅު ކަމެވެ. އަދި އެންމެ ނުރައްކާތެރި ކަމެވެ.

ގިނަ އަންހެނުން ފިރިމިހާއަކީ އެންމެ ރަނގަޅު މީހާ ކަމުގައި ބަލައި ގަންނަނީ އެމީހަކަށްޓަކައި ބަޒާރު އެއްކޮށް އެމީހާގެ މުށުތެރެއަށް ވައްޓާލަ ދޭމީހާއެވެ. މިފަދަ މީހަކު ލިބުމަށް އިންތިޒާރު ކުރާ އަންހެން ކުދިން މިޒަމާނުގައި މަދެއް ނޫނެވެ. މިކަމުގައި ވަގުތީ އުފަލެއް އޮތްނަމަވެސް އާޚިރުގައި ލިބޭ ހިތްދަތިކަން ނިހާޔަތަށް ބޮޑުވާނެއެވެ. އެފަދަ ފިރިއަކު ލިބުނަސް އެމީހަކު އެއަންހެންމީހާއި މެދު ލޯބީގެ ކުލުނެއް އެއްވެސް ވަރަކަށް ނުހުންނާނެ އެވެ. ގޭތެރޭގެ އުފާވެރިކަމެއް ނުލިބޭނެއެވެ. މިއީ ދުނިޔެ ދައްކާ ހަގީގަތެވެ.

އަލަތު ކައިވެންޏާ އެކު ފިރިމީހާއަށް ދުއްޕާން ޖެއްސުން.

މިކަމުގައި ގިނަ އަންހެން ކުދިން ފެއިލްވެއެވެ. ކައިވެނި ކުރުމަށްފަހު މާބޮޑަށް ފިރިމީހާއަށް ޕްރެޝާކޮށް އޭނަ ބޭނުންވާ ހުރިހާ ކަމެއް ހާސިލް ކުރުމަށް ފައިވިއްދާލާ ފިރިމީހާއަށް ދުއްޕާނަކަށް ވެއެވެ. މީގެ ނަތީޖާ ފުރަތަމަ ކޮޅުގައި ރަނގަޅުކަމަށް ގަބޫލު ކުރެވޭނެ އެވެ. ނަމަވެސް ވަކި ހިސާބަކުން ފިރިމީހާ ފޫހިވާގޮތްވެ ތަންކޮޅަށް ދުރުހެލި ވެލާނެއެވެ. އެކަން އަންހެންމީހާއަށް ނުވިސްނޭނަމަ ގުޅުން ދާއިމަށް ކެނޑިގެން ދާނެ އެވެ.

ވަކި އުމުރަކަށް ދިއުމުން ނޫނީ ކައިވެނި ނުކުރުން.

ގިނަ އަންހެން ކުދިން ގަބޫލު ކުރަނީ އެކުދިންގެ އުމުރުން ވަކި ވަރަކަށް ދިއުމުން ނޫނީ ކައިވެނި ކުރުން ރަނގަޅު ނޫންކަމަށެވެ. އެކަމަކު އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެންމެ މުހިއްމީ އުމުރެއް ނޫނެވެ. ހަރުދަނާ ވިސްނޭ ރަނގަޅު ސަޙުސިއްޔަތެއްގެ މީހަކަށް ވުމެވެ. ގެވެހި އަންބަކަށް ވުމަށް ތިމާގެ އަމިއްލަ ނަފްސް ތައްޔާރު ކުރުމެވެ. އެކަމަށް ފިލާވަޅު ހޯދާ އެކަން ރަނގަޅަށް ދަސްކުރުމެވެ. މަދު އަންހެން ކުއްޖަކު ނޫނީ މިފަދަ ގޮތަކަށް ނުވިސްނައެވެ. މިގޮތަށް ނުވިސްނޭނަމަ ޒަވާޖީ ހަޔާތުގެ އުފާވެރި ކަމެއް ނުލިބޭނެއެވެ.

ރަނގަޅު ފިރިންނާއި އަޅާނުލުން.

ވަރި ގިނަވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަނގަޅު ފިރިން ބަލައި ގަންނަން ގިނަ އަންހެން ކުދިންނަށް ނޭގުމެވެ. މިޒަމާނުގައި އެއްވެސް އަންހެން ކުއްޖަކު ރަނގަޅު ފިރިއެއް ހޯދުމަކަށް ވިސްނުން ނުބަހައްޓައެވެ. ބަލަނީ އެމީހަކީ ރީތި މަޝްހޫރު މީހެއްތޯ އެވެ. އަދި ފައިސާ ހުރިތޯ ބެލުމެވެ. ހަގީގަތަކީ ބޭރަށް ފެންނަ ރީތިކަމާއި މަޝްހޫރު ކަމަކީ އެމީހެއްގެ ހަގީގީ ޝަޚްސިއްޔަތު ނޫންކަމެވެ. ބޭރުފުށުން ވަރަށް ސާދާ މީހެއް ނަމަވެސް އެތެރެފުށް ކުނިވެފައި އޮވެދާނެ ކަމީ ހަގީގަތެވެ.

ފުރާވަރުގެ އަންހެން ކުދިންގެ ވިސްނުން މިގޮތުގައި ހުންނަނަމަ އެއީ މައްސަލަ އެކެވެ. އަވަހަށް އެކަމުން ރައްކާތެރިވެ ހަރުދަނާ ރަނގަޅު މީހަކަށް ވުމަށް އަޒުމު ކަނޑައަޅާށެވެ. އުފަވެރި ހަޔާތެއް ހޯދުމަކީ އެމީހަކު އަމިއްލައަށް ކުރަން ޖެހޭ ކަމެކެވެ.

ފައިސާއަކުން ލިބޭނެ އުފާވެރިކަމެއް ނޯންނާނެއެވެ. އެއީ ހަމަ ވަގުތީ އުފަލެކެވެ. އަޅާލެވޭ ކުޑަކުޑަ ކަތިފިޔަވަޅަކުންވެސް ހުރިހާ ފައިސާއެއް ގެއްލި ހިނގައިދާނެ އެވެ. ނަމަވެސް ލޯތްބަކީ ކޯއްޗެއްކަން ދަސް ކުރާށެވެ. ވަފާތެރި ލޯތްބަކީ ދުވަހަކުވެސް ފިލައިގެން ނުދާނެ އުފާވެރި ޖަޒުބާތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން