އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުމަށް 243 ވޯޓް ފޮށި ބަހައްޓާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން ބުނީ މިމަހުގެ އަށާވިސް ވަނަ ދުވަހު ބާއްވާ އެޕާޓީގެ ޕްރައިމަރީގައި މުޅި ރާއްޖޭގައި 243 ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓުފޮށި ބަހައްޓާނެ ކަމަށް އެޕާޓީން ބުނެއެެވެ. މާލެ ސަރަހައްދުގައި ވޯޓުފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ އާއި އަމީނިއްޔާ އާއި އެމްއެންޔޫ އާއި އިސްކަންދަރާއި ހިރިޔާ އާއި އިމާދުއްދީނާއި މާފަންނު މަދަރުސާ އާއި ތާޖުއްދީނާއި އިއްޒުއްދީނާއި ރެހެންދި އަދި ކަލާފާންގެ އިތުރުން މުހިޔުއްދީން ސްކޫލްގައި ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

އެމްޑީޕީން ބުނިގޮތުގައި އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ ރަށްރަށުގެ ސްކޫލްތަކުގަ އެވެ. ވެރިކަން ކުރާ މައި ޕާޓީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީޑިއާތަކަށް ވެސް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ގެ 12:00އާ ހަމައަށް ކަމަށާއި ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި އެއް ވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާއަކުން އެކަކަށް އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން ދެ މީހަކަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު އެޕާޓީގެ 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ލިބިގެންވެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން