ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގައި ޖުމްހޫރީ ޕާޓީން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ބާއްވާ ގައުމީ ކޮންފަރެންސް މިއަހަރުގެ މާރޗް މަސް ނިމުމުގެ ކުރިން ބާއްވާނެކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ކުޑަތަންވަމުން އަންނައިރު ސިޔާސީ ޕާޓީތަކުން މިހާރު ދަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެގޮތުގެ ޕްލޭންތައް އެކުލަވާލާ އެކަންކަން ރައްޔިތުންނަށް ހާމަކުރަމުންނެވެ. ނަމަވެސް، ތިންވަނައަށް ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީން މިހާތަނަށް އިންތިހާބާއިމެދު ގޮތްތަކެއް ނުނިންމާ އަދި އެފަދަ ނިންމުންތަކެއް އާންމު ނުކޮށް އޮތުމުން އިންތިހާބުގައި ވާދަކުރުމުގައި ނިންމާގޮތަކީ ކޮބައިތޯ ބެލުމަށް ނޫސްވެރިން ދަނީ ސުވާލު ކުރަމުންނެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އާރިފް މިއަދު ނޫސްވެރިންނަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އެ ޕާޓީގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ރިޔާސީ އިންތިހާބު އޮންނަ އަހަރުގެ މާރޗް މަހުގެ ކުރިން ގައުމީ ކޮންފަރެންސް ބާއްވަން ޖެހޭކަމަށެވެ. އަދި އެ ޕާޓީގެ ކައުންސިލުން ވަކިގޮތެއް ނުނިންމާހާ ހިނދަކު ކަނޑައެޅިފައިވާ ތާރީހުގެ ކުރިން އެ ކޮންފަރެންސް އޮންނާނެ ކަމަށް އާރިފް ވިދާޅުވިއެވެ.

"ކައުންސިލުން އަދި ވަކިގޮތެއް ނުނިންމަވާ. އަދި ދެންނެވެން އޮތީ މާރޗް މަސް ނިމުމުގެ ކުރިން ބޭއްވޭނޭ." އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމާމެދު ގޮތެއް ނިންމުމަށް ކައުންސިލް ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށާއި ގައުމީ ކޮންފަރެންސަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ދަނީ ފެށިގެން ކުރިއަށް ކަމަށެވެ. އެގޮތުން އިދާރީގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެ ނިމިފައިވާކަމަށް އާރިފް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަކީ ގޮތް ނިންމާ ޕާޓީގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ޕާޓީ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި ގިނަ ޕާޓީތައް ވާދަކުރާ ގޮތަށް ރިޔާސީ އިންތިހާބުތައް ބާއްވަން ފެށިފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއް ވެސް ކާމިޔާބު ކުރެވިފައިވަނީ ޖޭޕީއާ ކޯލިޝަން ހަދައިގެން ކަމަށްވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން