މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންފި ނަމަ އެއްވެސް މީހަކާ ނުގުޅި ހުންނަވާނީ ގޭގައިކަމަށް އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

އެ ވީޑިއޯއަކީ މިފަހުން އެމަނިކުފާނު ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއްގައި އާންމު މެންބަރަކާއިއެކު ދެކެވުނު ވާހަކައެއްގެ ވީޑިއޯއެކެވެ.

ވީޑިއޯގައި އެ ޕާޓީގެ އާންމު މެންބަރަކު ރައީސް ނަޝީދު ގާތުވަނީ، ޕްރައިމަރީގައި ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންފި ނަމަ ރައީސް ޞާލިޙާއިއެކު ހުންނަވާނީތޯ ނުވަތަ ހުންނަވާނީ ޕީޕީއެމާއި އެކުތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، ޕީޕީއެމާއިއެކު ނުހުންނަވާނެ ކަމަށާއި އެއީ ސަތޭކައިން ސަތޭކަ ޔަގީން ކަމެއްކަމަށާއި ރައީސް ޞާލިޙާއިއެކު ވެސް ނުހުންނަވާނެ ކަމަށެވެ. އަދި އޭގެ މާނައަކީ ކޮބައިތޯ އެ މީހާ އެހުމުން ނަޝީދު ވިދާޅުވީ "އެކަނި ގޮސް ގޭގައި ހުންނެވީމަ ނިމުނީނުން،" ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން 39،000 މީހުން ކަނޑާލީ، އެމަނިކުފާނަށް ވޯޓު ދީފާނެތީ ކަމަށާއި، ކަނޑާލި މީހުންތަކުގެ ތެރޭގައި އެމަނިކުފާނުގެ ބޭބޭފުޅާއި ބައްޕާފުޅުވެސް އަދި އަނބިކަނބަލުން ލައިލާ ވެސް ހިމެނޭ ކަމަށެވެ.

"ދެން މިބުނަނީ، އޭ ބޭބޭ އޭ، އިބޫ ބުންޏޭ ކަލޭ ބޭނުމެއް ނެތޭ މިހާރަކު. ކަނޑާލީ އޭ. ތި އައްސަވާ ވާހަކައަކީ، ފަހުން މަ ގޮސް މަ ބޭބެ ކައިރީގަ ބުނަން، އޭ މިހާރު އަހަރުން ކަލޭ ވަރަށް ބޭނުމޭ. އަންނާށޭ، އޭނަ އަންނާނެތަ. ނާންނާނެ އޭނަ އެއް." ހަރުކަށި ރާގެއްގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނުވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީނަކީ ރައީސް ޞާލިޙަށްވުރެ ގާބިލު، ވިޝަނަރީ އަދި ތަޢުލީމީ ބޭފުޅެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނާއި އޮތް ހަމައެކަނި އެއްބަސް ނުވެވޭ ކަމަކީ "އިންޑިއާ އައުޓް" ކަމަށް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން