ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށާއި މި ދަތުރުފުޅުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ދެ ގައުމުގެ ދޭދޭ ގުޅުންތަކުގެ މައްޗަށްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

ރައީސް ސާލިހު ވިދާޅުވީ ކެންބޯޑިއާގެ ބޮޑުވަޒީރާއެކު ބޭއްވި މަޝްވަރާތަކުގައި ލިބިވަޑައިގެންނެވި ކުރިއެރުންތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ. އަދި ކެމްބޯޑިއާއަކީވެސް އޭޝިއާގެ ޤައުމެއްކަން ފާހަގަކުރައްވާ، ދޭދޭ ގައުމުތަކާއި ގުޅުން ބަދަހިކޮށް އެހީތެރިކަން ލިބިގެން އުޅުމުގެ މުހިންމުކަމާއި، އެކަމުންވާ ފައިދާ ދެ ގައުމަށް ވެސް އެނގޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކެމްބޯޑިއާއަކީވެސް ފަތުރުވެރި ގައުމަކަށް ވެފައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތަށް އެ ގައުމުން އެދިފައިވާތީ އެ ގައުމަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ކޯސްޓްގާޑުން ހިންގާ ބޭސިކް ޑައިވް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ކެމްބޯޑިއާގެ ސިފައިންނަށާއި، އެމްއެންޔޫއިން ދެ ސްކޮލަޝިޕް ފުރުސަތުވެސް އެ ގައުމަށް ދޭން ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކެންބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި 6 ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މި ނޫންވެސް ގިނަ ކަންތައްތަކެއް ދެ ގައުމުގެ މަޝްވަރާތަކުގެ ތެރެއިން ފާހަގަވެގެން ދިޔަކަމަށް ވިދާޅުވެފައެވެ.

"ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމެއްކަމުން، ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރިން." ރައީސް ވިދާޅުވިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ އެ ގައުމުން ރާއްޖެ އަށް ސްކޮލަޝިޕްގެ 10 ފުރުސަތު ދޭން ނިންމަވާފައިވާކަން ހަމަކުރައްވާފައެވެ.

ކެންބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ރައީސް ސާލިހުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން