ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ.

ސައުދީގެ ވެރިރަށް ރިޔާޟުގެ ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލް ބާސެލޯނާއިން ރެއާލް މެޑްރިޑް ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މިއީ ބާސެލޯނާގެ ކޯޗު ޝާވީ ހެނާންޑޭޒްއާއެކު ބާސެލޯނާއިން ހޯދި ފުރަތަމަ ތަށްޓެވެ.

ދެ ޓީމުގެ ފަރާތުން ނެގެން އޮތް އެންމެ ވަރުގަދަ ޓީމު ނަގައިގެން ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، މޮޅު ކުޅުމެއް ދައްކާފައިވަނީ ބާސެލޯނާއިންނެވެ. ހާއްސަކޮށް އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ގާވީގެ ފަރާތުން ފެނުނު މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ބާސެލޯނާއިން މެޗުގެ 33 ވަނަ މިނެޓުގައި ޖެހީ ލެވަންޑޮވްސްކީ ތަނަވަސްކޮށްދިން ފުރުސަތަކުން ގާވީއެވެ. އަދި ފުރަތަމަ ހާފް ނިމެންދަނިކޮށް ބާސެލޯނާގެ ދެވަނަ ލަނޑު ޖެހީ ގާވީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލެވަންޑޮވްސްކީއެވެ. ބާސެލޯނާގެ 3 ވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފްގެ 69 ވަނަ މިނެޓުގައެވެ. އެ ލަނޑު ޖަހައިދިނީ ގާވީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެޑްރީއެވެ.

ރެއާލް މެޑްރިޑުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗު ނިމެންދަނިކޮށް ކަރިމް ބެންޒީމާއެވެ. ނަމަވެސް މެދުން މޮޅު ނުވާނެކަން ޔަގީންވެފައި އޮތުމުން މެޑްރިޑްގެ ކުޅުންތެރިން އެ ލަނޑު މާ ބޮޑަށް ފާހަގަކޮށް، އުފާ ފާޅެއްވެސް ނުކުރެއެވެ.

މިއީ ބާސެލޯނާއިން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން