އައްޑޫ ސިޓީ އާއި ހުވަދޫގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ މަސް ފެކްޓްރީ ވީއެންމެ އަވަހަކަށްް ހުޅުވައި، އެތަނުގެ ފައިދާ މަސްވެރިންނަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންއަށް އައްޑޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް ސާލިހު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް ގިނަކަމަށާއި އެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ނުގެނެސް، ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ހުވަދޫގައާއި އައްޑޫސިޓީގައި ހުރި މަސް ފެކްޓްރީ ވީހާވެސް އަވަހަކަށް ބޭނުންކުރެވޭގޮތް ހަދާ، މިހާރަށްވުރެ ރަނގަޅު އަގެއް މަހަށް ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.

"ސަރުކާރުން މިއަދު މަސްވެރިކަމުގެ ދާއިރާގައި އެސިނާއަތުގައި ކުރަމުންގެންދާ މަސައްކަތަކީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް. އަޅުގަނޑު ބޭނުން މަސްވެރިންނަށް މިއަށްވުރެ ރަނގަޅުގޮތްތައް ހޯދައިދޭން." ރައީސް ސާލިހު ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ އައްޑޫސިޓީގެ އިތުރަށް ފެލިވަރާއި ކޫއްޑޫގައި ހުރި މަސް ފެކްޓްރީތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މީގެއިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ލިބޭނެ ގޮތްތަކާއި މަސް ކިރޭނެ އިންތިޒާމްތައްވެސް ސަރުކާރުން އަންނަނީ ހަމަޖައްސައިދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން