ފުލުހުންގެ ޚިދުމަތް އިސްލާހުކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގައި، ފުލުހުންގެ ލީޑަރޝިޕް ހަރުދަނާކޮށް، ފުލުހުންގެ ސަފުތަކަކީ އެއީ ހަރުދަނާ ބަދަހި ސަފަކަށް ހެދިއްޖެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފުލުހުން ތަމްރީންކުރާ މަރުކަޒުގައި ހިންގި ފުރަތަމަ އަސާސީ ތަމްރީން ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޔުނިފޯމް އެޅި ފުލުހުންނާ ސިވިލް މުވައްޒަފުން ހިމެނޭހެން ވޭތުވެދިޔަ 4 އަހަރުގެތެރޭގައި 1000 އަކާއި ގާތްކުރާ އަދަދަކަށް ފުލުހުން ޚިދުމަތާއި ގުޅިފައިވާކަމަށެވެ. އަދި ފުލުހުންގެ ހިދުމަތަށް މިވީ 18 އަހަރުގެ ތެރޭގައި، މިހާރު މިދެކޭ ފަދަ ބޮޑު ކުރިއެރުމެއް ފުލުހުންގެ ޚިދުމަތަށް އައިސްފައި ނުވާކަންވެސް ހޯމް މިނިސްްޓަރ ފާހަގަކުރެއްވިއެެވެ.

ހޯމް މިނިސްްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިސްނުންފުޅާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ފަށާފައިވާއިރު، ސަރުކާރުގެ މިހާރު މިސްރާބު ހުރީ އަތޮޅުތަކުގެ ފުލުހުންގެ ޚިދުމަތުގެ އިންޤިލާބީ ބަދަލަކާ ދިމާލަށް ގެންދިއުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންސާނީ ވަސީލަތާއި އުމްރާނީ ވަސީލަތުގެ ޙާލަތު، މި ސަރުކާރު ހަވާލުވިއިރު އޮތީ ވަރަށް ދަށްކޮށްކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ބޭނުންވާ މިންވަރާ އަޅަބަލާއިރު، އެކަށީގެންވާ މިންވަރާ ގާތަށްވެސް އިންސާނީ ވަސީލަތް ޤާއިމުވެފައި ނެތްކަމަށާއި ނަމަވެސް މިއަދު ޙާލަތު ތަފާތުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްްޓަރ ވިދާޅުވީ ޚިދުމަތަށް ނިކުންނަ ފުލުހުންނަކީ 21 ވަނަ ޤަރުނަށް ހޭލުންތެރި، ހުނަރުވެރި ބައެއްގެ ގޮތުގައި ނެރުމަށް، އައްޑޫ ސިޓީގައި ޤާއިމުކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީވެސް ޙާސިލުކުރެވުނު ބޮޑު ކާމިޔާބީއެއްކަމަށެވެ.

"ޔުނީފޯމް އެޅި މުވައްޒަފުންނާ، ސިވިލް މުވައްޒަފުންން ހިމެނޭހެން 1000 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން އިތުރުކުރެވިއްޖ." މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވި ފުލުހުންގެ ޚިދުމަތް އިސްލާހުކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގައި، ފުލުހުންގެ ލީޑަރޝިޕް ހަރުދަނާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި އަދި ފުލުހުންގެ ސަފުތަކަކީ އެއީ ހަރުދަނާ ބަދަހި ސަފުތަކަކަށް ހެދިއްޖެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން