ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކޮށް، އެންމެ މަތީ ފަންތީގެ ޕްރޮފެޝަނަލް ހިދުމަތަކަށް ހެދުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ޒަމާނީ ތަމްރީންތަކާއެކު ފުލުހުން ހިދުމަތަށް ނުކުންނަ އިރު، އެ ހިދުމަތްތައް ދެވޭނެ ވަސީލަތްތައް ފުރިހަމައަށް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެއްގަމާއި ކަނޑުގެ އިތުރު އުޅަނދުފަހަރު ހޯދައިދިނުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ގާބިލުކަމާމެދު، ބައިނަލްއަގުވާމީ މުޖްތަމައުގައިވެސް އިތުބާރާއި ޔަގީންކަން މިއަދު އެބައޮތް ކަމަށެވެ. އަދި އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ، ބައިނަލްއަގުވާމީ ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއްކޮށް، އެހެން ގައުމުތަކަށް މިސާލު ދައްކަމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ފުލުހުންގެ ހިދުމަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދިވެހި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހަރުކަށި ދީނީފިކުރުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ހާއްސަ ގޮތެއްގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވައި އެމަނިކުފާނު ވިދާޅުވީ، އެގޮންޖެހުންތަކާ ކުރިމަތިލުމުގެ އިލްމީ އަދި ފަންނީ ގާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި ކަމަށާއި، އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގާބިލުކަން ވެސް އެބަހުރި ކަމަށެވެ. އަދި އެކަން ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން