އެންމެ ފުލުހަކަށް ހެދޭ ގޯހަކުންވެސް މުޅި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ 34 ވަނަ އިނީޝިއަލް ޕޮލިސް ޓްރޭނިންގ ނިންމި ފުލުހުންނަށް ލިޔުން ހަވާލު ކުރުމަށް މިރޭ އައްޑޫ ޕޮލިސް އެކެޑަމީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެންމެ ފުލުހަކަށް ހެދޭ އެންމެ ގޯހަކުން ވެސް މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެ ކަމަށާއި، ފުލުހުންގެ މުއައްސަސާއަށް ކުރާ އިތުބާރާއި ޔަގީންކަމަށް ވެސް އެކަމުގެ ސަބަބުން ބުރޫ އަރާފާނެ ކަމަށެވެ.

އެހެންކަމުން ތަމްރީނު ފުރިހަމަ ކޮށްގެން ނުކުންނަ ފުލުހުންވެސް އެންމެ އިސްކަމެއް ދޭންވީ އެއްކަމަކީ އެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުލުހުންގެ މުއައްސަސާއަކީ ބޮޑު އެއް އާއިލާ. މި އާއިލާގެ ބަދަހިކަމާއި ރީތި ނަން ދެމެހެއްޓުމަކީ ތިއިން ކޮންމެ ފުލުހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް." ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ އެއިރެއްގެ ހާލަތަށް ބަލާއިރުވެސް ގޮންޖެހުން ގިނަ ބުރަ މަސައްކަތެއް ކަމަށެވެ. އެގޮތުން މީގެ އެތައް އަހަރެއް ކުރިންވެސް އަދި މިއަދުވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާ އެ ގޮންޖެހުންތައް ހުރިނަމަވެސް، ފުލުހުންނާއި ތަންފީޒީ އިދާރާތަކުން މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިރޭ ދަސްވެނިވި ހުރިހާ ފުލުހުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. މިޖަލްސާގައި، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯހުން 1 ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މިކޯސް ފުރިހަމަކޮށް 164 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން