ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެހުމަށް މި ސަރުކާރުން ބޭނުންކުރި ފޯމިއުލާ ހޯދަން ބޭނުންވެގެން ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ސުވާލު ކުރައްވާ ކަމަށް މި ސަރުކާރުގެ ފޮރިންގ މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެންޑިޑޭޓު ރައީސް ޞާލިޙްއާއިއެކު އައްޑޫ ސިޓީ މަރަދޫގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އިގުތިސާދު މެނޭޖު ކުރުމުގައި މިއަދު ރާއްޖެއަކީ ދުނިޔެއަށް އޮތް މިސާލެއް ކަމަށެވެ. އެގޮތުން މިހިނގާ 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 12 އިންސައްތަ ކުރިއަރާނެކަމަށް ވޯލްޑްބޭންކުން ބުނެފައިވާކަމަށާއި ގިނަ ބަޔަކު ހީކުރިގޮތަށް ރާއްޖެ ބަނގުރޫޓު ނުވާނެކަމަށެވެ.

"އަޅުގަނޑުމެން ހަނދާން އެބަހުރި ދެއްތޯ. ރައްޔިތުންގެ މަޖިލީހުގައި، ބަނގުރޫޓުވަނީ، ބަނޑަށް ޖެހެނީ، މާދަމާ، މިއަންނަ މަހު، މިއަންނަ ހަފްތާގައި. ގޮވި ނޫންތޯ. އޭރުވެސް ސަރުކާރުން ސާބިތުކަމާއެކީގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ނޫނެކޭ ތިމަން މަނިކުފާނު ހުންނެވި އޮޑި ފަރަކަށް ނާރާނެއޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދިމާވި އިގުތިސާދީ ހާލަތްތަކުން ރާއްޖެ ސަލާމަތްވެ ސަލާމަތުގެ އައްސޭރިއަކަށް ގެނެވުނީ، ރައީސްގެ ހިތްޕުޅުގައި ރައްޔިތުންނާއިމެދު އޮތް ވަރުގަދަ ލޯތްބަކުން ކަމަށެވެ.

"ރާއްޖެއަކީ މިއަދު، ފަހުރުވެރިކަމާއިއެކު މި ދަންނަވަނީ، ދުނިޔެއަށް އޮތް މިސާލެއް. ދުނިޔޭގެ ގައުމުތަކުގެ ވެރިން އެ ވިދާޅުވަނީ ކޮބައިހެއްޔޭ ކަލޭމެން ތި ހޯދި ފޯމިއުލާއަކީ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކައިގައިވަނީ އެމްޑީޕީ މެންބަރުން ރައީސް ޞާލިޙަށް ވޯޓު ދޭންޖެހޭ ސަބަބުތައް ވެސް ވިދާޅުވެދެއްވާފައެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ތިބޭނީ މަގުމަތީގަތޯ ނޫނީ ރަށުގައި އަމާންކަމާއެކުތޯ ނިންމާނީ މި ވޯޓުން ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ނަދީމް

22-Feb-2023

ބުނޭ ރައްޔިތުން ޖޫރިމަނާކޮށްގެންނާއި ރައްޔިތުން އަތުން ޓެކްސްނައިގެންނޭ.



ޓްރެންޑިން