ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އެމްޑީޕީގެ ހިކުމަތްތެރި ބުއްދިކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ ޢަލީމަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ފަރާތެއް ކަނޑައެޅުމުގެ އިންތިހާބުގެ ފޯރީގައި އެ ޕާޓީގައި އުފެދިފައިވާ ދެ ފެކްޝަނުން ވެސް ވާދަވެރިކަމާއެކު ދަނީ ކެމްޕޭން ކުރަމުންނެވެ.

އެގޮތުން ރައީސް ޞާލިޙަށް ތާއީދު ކުރައްވާ މޫކޭ މިއަދު ވިދާޅުވީ، ރައީސް ޞާލިޙަކީ އެމްޑީޕީ ވުޖޫދަށް އައުމުގެ ކުރިން ލޯގޯގައި އިންތިހާބެއްގައި ވާދަކުރެއްވި ފަރާތްކަމަށެވެ. އަދި ރައީސް ޞާލިހަކީ އެމްޑީޕީ އުފެއްދުމަށް 2 ވަނައަށް ސޮއި ކުރެއްވި ފަރާތްކަމަށާއި އަދި އެމްޑީޕީގެ ދެވަނަ ރިޔާސީ ދައުރު ކާމިޔާބު ކުރެއްވި ފަރާތް ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.

އެހެންކަމުން މިފަހަރުގެ ޕްރައިމަރީގައި ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވި ކެންޑިޑޭޓު ނަންބަރު 2 އާއި އެގޮތުން ގުޅޭކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ރައީސް ޞާލިޙަކީ އެމްޑީޕީގެ ހިކުމަތްތެރި ބުއްދި ކަމަށް ވެސް މޫކޭ ވަނީ ވިދާޅުވެފައެވެ.

މޫކޭ މީގެ ކުރިންވެސް ވަނީ ރައީސް ޞާލިޙް ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުޅަށް ތައުރީފުކުރަށްވައި ވާހަކަ ދައްކަވާފައެވެ. ހާއްސަކޮށް ރައީސް ޞާލިހަކީ ނަޝީދު ފަދައިން ކުއްލި ކުއްލިއަށް ކަންކަމުގައި ރިއެކްޓް ނުކުރައްވާ، ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއިއެކު ކަންކަން ނިންމަވާ ވެރިއެއްކަމަށް މޫކޭ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން