ރިޔާސީ އިތުރު ދައުރަކަށް ހޮވިވަޑައިގެން އެމަނިކުފާނު އެކުލަވާލައްވާ ސަރުކާރެއްގައި އައްޑޫސިޓީގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑުއަށް އިއްޔެ ފެއްޓެވި ދަރުފުޅުގައި ހިތަދޫ މެދު ދާއިރާގެ އެ ޕާޓީގެ ބައެއް މެމްބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ރައީސް ސާލިޙު ވިދާޅުވީ ކުރީގެ ބައެއް ސަރުކާރުތަކުން އައްޑުއަށް ކަމެއް ކޮށްދެވޭތޯ މަސައްކަތް ކުރެވޭތޯ އުޅެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުތަކުން މިހާތަނަށް ގެނެސްދިނީ ވަގުތީ ހައްލުތަކެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ވަނީ މި ސަރުކާރުން އައްޑޫ ސިޓީގައި ފެށި ކަންކަން ނިންމަން އެ ސިޓީގެ ރައްޔިތުންގެ ތާއިދަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން އެކުލަވައިލާ ސަރުކާރުގައި މި ސިޓީގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން އައްޑުއަށް ގެންނަ ތަރައްގީ އަކީ ވެރިކަން ބަދަލުވުމުން އުފުރާލައިގެން ގެންދެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން ފާހާނާއާއި ފެނާއި ނަރުދަމާގެ ނިޒާމު މަސައްކަތް މިހާރު ނިމެމުންދާ ކަމަށާއި މަގުތައް ހަދައި ބަނދަރުތައް ހެދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއާޕޯޓް ތަރައްގީކޮށް ޓޫރިޒަމް އައްޑޫ ސިޓީއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން މި ފެށި މަސައްކަތް ނިންމުމަށްޓަކައި ތިޔަބޭފުޅުންގެ ތާއީދު އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މުޅި ރާއްޖެ ތަރައްގީ ކުރަން ވެސް އެ މަނިކުފާނަށް އައްޑޫގެ މީހުންގެ ތާއީދު ބޭނުންވާ ކަމަށެެވެ. އައްޑޫން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ތާއީދު ބޭކާރު ނުވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކައި ކޯލިޝަން ބައިވެރިންގެ މުހިއްމުކަން ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެފަދަ ބަޔަކާ އެކީގައި މަސައްކަތްކޮށް އެމްޑީޕީއަށް ވެރިކަން ހޯދޭނެ ގޮތަކަށް މަަސައްކަތްކުރަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން