ކ. ރަސްފަރި ފަރަށް އާގު ބޯޓެއް އުރި ލިބުނު ގެއްލުންތައް އިޔާދަކޮށްދޭނެ ބަޔަކު ހޯދަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިއުލާންކޮށްފި އެވެ.

އީޕީއޭއިން ބުނީ އެ މަސައްކަތްކޮށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާއި އެންޖީއޯތަކުން މި މަހުގެ 26 ގެ ނިޔަލަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފަށަން ބޭނުންވާ ކަމަށްވެސް އިއުލާނުގައި ބުނެފަަައިވެއެވެ.

ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް، ބޯޓު ރަސްފަރި ފަރަށް އަރާފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ބޯޓް ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނަސަންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ. ރަސްފަރި ފަރަށް އެރި ބޯޓުން 100 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އެ ފައިސާ ބޯޓްގެ ވެރިފަރާތުން މިހާރު ވަނީ ދައްކާފަައެވެ.

އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލަކީ 893،736،800 ރުފިޔާ ކަމަށް އީޕީއޭއިން ވަނީ ކަނޑައަޅާފައެެވެ. ފަރަށް ލިބޭ ގެއްލުމަށް 100 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ޖޫރިމަނާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، ޖޫރިމަނާކޮށްފައިވަނީ ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަދުކަމަށްވާ 100 މިލިއަން ރުފިޔާ އިންނެވެ.

އާގު ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން އިންޖީން ނިއްވާލުމުން ބޯޓު އޮޔާގޮސްގެންނެވެ. ނަމަވެސް ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އޮތްކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން