ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 5000 އަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު، މިއަހަރުގެ މިހާތަނަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 59071 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 51816 ފަތުރުވެރިންނާއި އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ.

އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު 5370 ފަތުރުވެރިން ޒިޔާރަތް ކުރާއިރު، އެ މީހުން ރާއްޖޭގައި އެވްރެޖްކޮށް 8.3 ދުވަސް ހޭދަކުރެއެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ރަޝިޔާ، އިޓަލީ އަދި އިންޑިއާއެވެ.

ރަޝިޔާއިން މިހާތަނަށް 10697 ފަތުރިވެރިން ޒިޔާރާތްކޮށްފައިވާއިރު، އިޓަލީން ވަނީ 7320 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އިންޑިޔާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 5119 ގައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއަހަރަށް ސަރުކާރުން ކަނޑައެޅީ 1.8 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން