ރާއްޖޭގައި ކުރިއަށްދާ އިއާދަކުރަނނިވި ހަކަތައިގެ މަޝްރޫއުތަކަށް ބޭރުގެ އިންވެސްޓަރުންގެ ތަރުހީބު ބޮޑުކަމަށް ވޯލްޑް ބެންކުން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސަރ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ގޮތުން ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ދަނީ އިއާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫއެއް ހިންގަމުންނެވެ.

މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ބޭނުންކުރެވޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ.

ރާއްޖޭގައި ހިންގާ އިރާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް މައިގަނޑު ގޮތެއްގައި އެހީތެރިވަނީ ވޯލްޑް ބޭންކާއި އެހެނިހެން މާލީ އިދާރާތަކާއި ޖަމިއްޔާތަކުންނެވެ.

އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކުގެ ތެރެއިން ރާއްޖެގެ އެކި ހިސާބުތަކުގައި ސޯލާ ހަކަތަ ގާއިމްކުރަމުންދާއިރު، މާލެ ސަރަހައްދުގައި ކުރިއަށްދާ 5 މެގަވޮޓްގެ ސޯލާ ޙަކަތަ އުފެއްދުމުގެ މަސައްކަތަކީ މީގެތެރެއިން އެއް މަސައްކަތެވެ.

ދާދިފަހުން ރާއްޖެ ވަޑައިގެންނެވި ވޯލްޑް ބެންކުން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސަރ ވިދާޅުވީ މިއީ އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫއެއްކަމަށެވެ. އެގޮތުން މި މަޝްރޫއުތަކަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ލަފާކުރިވަރަށްވުރެ ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މި މަޝްރޫއާއެކު ރާއްޖޭގައި ބޭނުންކުރެވޭ ޑީސަލްގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެގެން ދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.



މާލެ ސަރަހައްދުގައި ހަރުކުރާ 5 މެގަވޮޓް ސޯލަރ ޕީވީ ހަރުކުރާނީ ހުޅުމާލޭގެ ބައެއް ހައުސިން ޔުނިޓްޓަކާއި ހުޅުލެ – ހުޅުމާލެ ލިންކް ރޯޑްގައެވެ.

ހުޅުމާލޭ 1000 ޔުނިޓްގެ ތެރެއިން ކަނޑައަޅާފައިވާ ފްލެޓްތަކުގެ ފުރާޅުގައި މިހާރުވަނީ ސޯލަރ ޕެނަލް ހަރުކޮށް ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ބިލްޑިންގް އެތެރޭގެ އިލެކްޓްރިކަލް މަސައްކަތްތަކެއްކަމަށް މިނިސްްޓްރީން ބުނެއެވެ.



5 މެގަވޮޓް ސޯލަރ ޕީވީގެ ބޮޑު ބައެއް ހިމެނެނީ ހުޅުލެ – ހުޅުމާލެ ލިންކް ރޯޑްގައެވެ. އެ މަސައްކަތްވެސް ދަނީ ބާރަށް ކުރިއަށެވެ.

މި މަޝްރޫޢަކީ ޕްރައިވެޓް އިންވެސްޓްމަންޓް އުސޫލުން ވޯލްޑް ބޭންކްގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫޢެކެވެ. އެހެންކަމުން މަޝްރޫޢުގެ މަސައްކަތަށް ފައިނޭސްކުރާނީ މި މަޝްރޫޢުގެ ބިޑް ކާމިޔާބުކުރި ތައިލޭންޑްގެ އެންސިސް ކުންފުނިންކަމަށާއި އަދި ކޮންޓެރެކްޓްގެ މުއްދަތުގައި މެއިންޓަނަނސްގެ މަސައްކަތްވެސް ކުރާނީ އެންސިސް ކުންފުނިންކަމަށް ސަރުކާރުން ބުނެއެވެ.

އެސްޕަޔަރގެ 2 ވަނަ ފިޔަވަހީގެ ދަށުން ގާއިމްކުރެވޭ 5 މެގަވޮޓް ސޯލަރ ޕީވީ ނިޒާމުން އެކަނިވެސް ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވޭކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާއާއި ދެމެދުގެ އަދަދެއް އަހަރަކު ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު