އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން މިހާރު ލިބެނީ ތަރައްގީގެ އުނދަގުލުގެ ކޯލްތައް ކަމަށް ވިދާޅުވެ މި ސަރުކާރުން އައްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ތައުރީފު ކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ރައީސް ޞާލިޙް ވަނީ އައްޑުއަށް ވަޑައިގެންފައެވެ. ރައީސް ބައިވެރިވެވަޑައިގެން ފޭދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނިޒާރުވަނީ އެ ސިޓީގެ އެކި ރަށްރަށުގައި މި ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްގީގެ މަޝްރޫތަކަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ތަރައްގީ ކުރައްވަމުން ގެންދަވަނީ މެނިފެސްޓޯގައި ހުރި އެއްވެސް ކަމެއް އުނި ނުކުރައްވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ރައްޔިތުންގެފަރާތުން ލިބެނީ ކޮންމެވެސް ތަރައްގީގެ ކަމެއް ހިނގާތީ އެކަމުގެ ސަބަބުން ވާ އުނދަގުލެއްގެ ކޯލުކަމަށާއި އެއީ އައްޑޫ ތަރައްގީވާތީ އަންނަ ކޯލްތައްކަމަށް ނިޒާރު ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން އައްޑޫ ތަރައްގީ ވާން ފެށީމާ އަންނާނީ ތަރައްގީގެ އުނދަގުލުގެ ކޯލްތަކެއްކަމަށް. އަޅުގަނޑުމެންނަށް އަންނަނީ ކޮންމެވެސް ގެއަކަށް މަގު ހަދާދީ ނުވަދެވިގެން، ކޮންމެވެސް އެކަހަލަ އުނދަގުލަކައިގެން ނޫން ކޯލެއް އަޅުގަނޑަކަށް ނާދޭ." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ތަރައްގީގެ މަސައްކަތެއް ނުހިނގާ އެއްވެސް ތަންކޮޅެއް އައްޑޫ ސިޓީގައި ނެތްކަމަށެވެ. އަދި ވޯޓު ހޯއްދެވުމަށް ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އައްޑޫއަށް ކޮށްދެއްވީ ކޮން ކަންތައްތަކެއްތޯ ބަލަންޖެހޭ ކަމަށާއި، އެގޮތަށް ބަލާއިރު، އައްޑޫ ރައްޔިތުން އެދުނު ހުރިހާކަމެއް ފުރިހަމަ ކުރައްވާފައި ވަޑައިގެންނެވީމާ އައްޑޫ ސިޓީގެ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދޭން ޖެހޭނެކަމަށް ނިޒާރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން