ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގާ އެއްވެސް ސަރަހައްދެއް ނެތްކަމަށް އެ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙް މިއަދު ވަނީ އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެން އެ ރަށުގައި ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީއަކީ ރާއްޖޭގެ ރަށެއްގައި އާބާދީ ވެފައި އޮތް އެންމެ ބޮޑު ބައްރުކަމަށާއި އެހެންކަމުން އައްޑޫގެ ތަރައްގީއަކީ ކޮންމެ ސަރުކާރަކަށްވެސް ގޮންޖެހުމަކަށް ވެފައި އޮތް ކަމެއް ކަމަށެވެ.

ނަމަވެސް މިހާރު އައްޑޫ ސިޓީގެ ހުރިހާ އަވަށަކުން ފެންނަމުންދަނީ ރަނގަޅު ޕްލޭނެއް އޮވެއްޖެ ހާލަތެއްގައި ކަން ކުރެވޭނެ ކަމުގެ ހެކި ކަމަށާއި އެ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ތަނެއް ނެތްކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، އައްޑޫގައި 100 ކިލޯ މީޓަރު މަގު ހެދުމުގެ މަސައްކަތް އަމަލީ ގޮތުން ފެށި، ހުރިހާ ރަށެއްގައި އެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ކުރިމަތިލާނީ އެ ސިޓީގެ ހުރިހާ ރަށެއްގެ މަގުތައް ތަރައްގީކޮށް ނިންމާފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަށް އަލިއަޅުވާލައްވާ ނިޒާރު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު ސަރަހައްދަކަށް ވެލި އަޅަން ޖެހުނީ އައްޑޫ ސިޓީގެ ބިން ހިއްކުމަށް ކަމަށާއި މި ސަރުކާރުގެ ޕްލޭނުގެ ދަށުން 198 ހެކްޓަރުގެ ބިން އައްޑޫގެ ބިމަށް އިތުރުވާކަމަށެވެ. އޭގެ އިތުރުންވެސް އައްޑޫ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް މި މަހުގެ ތެރޭގައި ސޮއި ކުރެވިގެން ދާނެކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ނިޒާރުގެ ވާހަކައިގައި ވަނީ އައްޑޫއަށް މި ސަރުކާރުން ގެންނަމުންދާ ތަރައްގީ ފާހަގަކުރައްވާ އެކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އައްޑޫ ތަރައްގީ ކުރަން ބޭނުންވާނަމަ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ނިޒާރުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން