ދަރިވަރުންނަށް ކިޔެވުމުގެ ބޭނުމަށް ބެންކް އޮފް މޯލްޑިވްސްއިން ދޫކުރާ ޑޮލަރު ލިމިޓްކުރިކުރުން ވީއެންމެ އަވަހަކަށް ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިކަމަށް އެދިވަޑައިގަތީ ބީއެމްއެލްގެ އަހަރީ ދުވަހުގެ މުނާސަބާތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ބެންކުގެ އިސްވެރިން ތިއްބެވި އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކިޔަވާ ކުދިންނަށް ބޭރަށް ފައިސާ ފޮނުވުމުގައި ގެނައި ބަދަލުތަކާ ގުޅިގެން ގިނަ ބެލެނިވެރިންގެ ކަންބޮޑުވުންތައް އެބަހުރިކަމަށެވެ. އެހެންކަމުން އެމްއެމްއޭ އާއި ބީއެމްއެލްއާ ގުޅިގެން އެކަން ހައްލުކޮށްދޭން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"ދާދިފަހުން ތިޔަބޭފުޅުން އިޢުލާނު ކުރެއްވި، ރާއްޖެއިން ބޭރުގައި ކިޔަވާ ސްޓޫޑެންޓުންނަށް ފޮނުވާ ޓީ.ޓީ. ލިމިޓް ކުރުމުގައި ކަންބޮޑުވުންތަކެއް ބެލެނިވެރިންގެ އެބައޮތް. އެހެންކަމުން، ސެންޓްރަލް ބޭންކް، އެމް.އެމް.އޭ.އާއި، އަދި ބޭންކް އޮފް މޯލްޑިވްސް މިކަމާ ދޭތެރޭގައި ވިސްނަވައި، މި ދެންނެވި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމަކީ، ބޭންކުގެ ޙިއްޞާދާރުންނާއި، ބޭންކުން ޚިދުމަތް ހޯއްދަވާ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް." ރައީސް ވިދާޅުވިއެވެ.

ބީއެމްއެލުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓިއުޝަން ފީ އާއި ލިވިން އެލަވަންސަށް ވާ ޑޮލަރު ދޫކުރާނީ ހަމައެކަނި އޭ ލެވަލުން މަތީގެ ޓާޝަރީ ފުލްޓައިމް ދަރިވަރުންނަށާއި، އޭވިއޭޝަން، ލޯ އަދި މެޑިސިން ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ ދަރިވަރުންނަށް ކަމަށް ވަނީ ހަމަޖައްސާފައެވެ.

ބެންކުން ބުނަނީ މިއީ އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު މަދުކުރުމާ ގުޅިގެން އަޅަންޖެހުނު ފިޔަވަޅެއްކަމަށެވެ.

ނަމަވެސް އެމްއެމްއޭއިން ބުނެފައިވަނީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް މިހާރުވެސް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ޑޮލަރު ފޯރުކޮށްދެމުންދާކަމަށެވެ. އަދި ވަކިވަކި ބޭންކުތަކުން ބޭނުންވާނަމަ އެ ބޭންކުތަކުގެ ކަސްޓަމަރުންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ ފުރުސަތު އެ ބޭންކުތަކަށް އަބަދުވެސް އޮންނާނެކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

ދިވެހި ގައުމީ ބޭންކުން އައު އަހަރާއެކު ދިވެހި ދަރިވަރުންނަށް ދިނީ ވަރަށް ރަނގަޅު ހަދިޔާއެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ބޭންކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މީގެއިތުރުން ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ބޭރުފައިސާގެ މުއާމަލާތް ކުރެވޭ މިންވަރު ކޮވިޑާއި ގުޅިގެން ކަމަށް ބުނެ ލިމިޓް ކޮށްފައިވާއިރު ރާއްޖޭގެ އިގުތިޞާދީ ހާލަތު ކޮވިޑްގެ ކުރިން އޮތް ހާލަތަށް ކުރިއަރާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ބޭންކުން މި ލިމިޓްކުރި ކުރުމަށް ކުޑަވެސް ލުޔެއް ނުދޭކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު