ބޭންކް އޮފް މޯލްޑިވްސްގެ ސެކިއުރިޓީ އިންތިޒާމްތައްް މިހާރަށްވުރެ ވެސް ވަރުގަދަ ކުރަންޖެހޭ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް، 40 އަހަރު ފުރުމުގެ މުނާޞަބަތުގައި މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ފައިސާ ރައްކާ ކުރުމަށް ދެނީ ވަރަށް ބޮޑު އިތުބާރެއްކޮށްފައި ކަމަށެވެ. އެހެންކަމުން ބޭންކުގެ އެންމެ ބޮޑު ޒިންމާއަކީ އެ ފައިސާ ރަނގަޅަށް ބެލެހެއްޓުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.





"ވިޔަފާރިވެރިންނާއި އަދި ޢާންމު ރައްޔިތުންވެސް، އެމީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާކުރަން ބޭންކާ ޙަވާލުކުރަނީ، ބޭންކާމެދު ވަރަށް ބޮޑު އިތުބާރެއް ކުރާތީ.، އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ، ބޭންކުގެ އެންމެ އިސް ޒިންމާ. އެ އަމާނާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް، މިހާރަށްވުރެވެސް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން." ގިނަ ބައެއްގެ އިތުބާރު ގެއްލިފައިވާ ބޭންކްގެ ތަސައްވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދިމަށް މަސައްކަތް ކުރުމަށް ވެސް ބީއެމްއެލްގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

ބީއެމްއެލްގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ރައީސް އެދިވަޑައިގެންފައި ވާއިރު ދިވެހިންގެ ބޭންކުގެ ނަމުގައި ހިންގާ ބީއެމްއެލުން އެބޭންކުގެ ކަސްޓަމަރުންގެ ފައިސާއާއި ކާޑުން ކުރެވޭ މުއާމަލާތްތަކުގައި ހުރި ދޯދިޔާ މައްސަލަތަކާއި މެދު ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ބީއެމްއެލުން ލުއި ލޯނުގެ ނަމުގައި އާންމު ރައްޔިތުންނަށް ލޯނު ދީގެން ބޮޑު އިންޓަރެސްޓެއް ނަގައިގެން ރައްޔިތުން "ފެލަމުން" ދާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު