މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ބާއްވާ ތާރީހު މި ފެށޭ ހަފްތާގެ އާދިއްތަ ދުވަހު އިއުލާނުކުރަން ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަންގެ ރައީސް ބައެއް މީޑިއާތަކަށް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ ދޭއް ނުވަތަ ތިންވަނަ ދުވަހު ބޭއްވުމަށް ރާވަމުން ގެންދާކަމަށެވެ. އަދި ފައިނަލްވާ ތާރީހު މިއަންނަ އާދިއްތަ ދުވަހު އިއުލާނު ކުރާނެ ކަމަށާއި މިހާރު ކުރިއަށްދަނީ އިންތިހާބުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އިލެކްޝަނުން ބުނީ، މިވަގުތު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ އިންތިހާބަށް ބޭނުންވާ ތަމްރީންތަކަށް ތައްޔާރުވުމާއި، އިންތިހާބަށް ބޭނުންވާ ލިޔެކިޔުންތަކާއި ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކަމަށެވެ.

އަދި ރިޔާސީ އިންތިހާބާއި ގުޅޭ މައިގަނޑު މަސައްކަތްތައް ފެށޭނީ އެކަމަށް ބޭނުންވާ މައިމަރުކަޒު ތައްޔާރު ކުރެވުމުން ކަމަށާއި މިފަހަރު މައި މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައިވާ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް މިމަހުގެ 15 ވަނަ ދުވަހު ދޫކޮށްދޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފައިވާކަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުން ބައެއް ޕާޓީތަކުން މިހާރު ވަނީ އިޢުލާ ކޮށްފައެވެ. އޭގެތެރޭގައި އިދިކޮޅު ޕީޕީއެމް ކޯލިޝަނާއި އެމްއެންޕީ ހިމެނެއެވެ. ނަމަވެސް އިދިކޮޅު ކެންޑިޑޭޓް، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރެއްވުމަށް ޖަލުގައެވެ.



ކިޔުންތެރިންގެ ހިޔާލު