އިބްރާހިމް ފަހީމް   12 ޖެނުއަރީ 2023 - 20:8
ޗައިނާގައި ތައުލީމީ ހިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް ޗައިނާ އެމްބަސީއާއިއެކު މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަޙްމަދު މުޞްޠަފާ، މެންބަރު މޫސާ ރަޝީދު، މެންބަރު އަލްއުސްތާޛާ އަރުމާން ރަޝީދު، މެންބަރު މުޙައްމަދު އަފްރާހް އަދި މެންބަރު ޢަލީ ނިޝާނެވެ.

ޗައިނާ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އޮނަރަބަލް ވަންގް ލިކްސިން އަދި ތާޑް ސެކްރިޓަރީ ޒަންގް ފެންގް އެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ޗައިނާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޗައިނާގެ ތައުލީމީ ހިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، އަދި މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށެވެ. މީގެ އިތުރުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މި ބައްދަލުވުމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އޮނަރަބަލް ވަންގް ލިކްސިން ދެއްކެވި ވާހަކަފުޅުގައި މީޑިއަކީ ރަހުމަތްތެރި ކަމާއެކު މުއާމަލާތްކުރުމަށާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މުހިންމު ދައުރެއް އަދާކުރާ ބައެއްކަމުގައި ސިފަކުރެއްވިއެވެ.

މީޑިއާ އެކްސްޗޭންޖްކުރުމާއި އެއްބާރުލުން ދިނުމަކީ ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް މުހިންމު ބައެއް ކަމަށާއި، މައުލޫމާތު ފެތުރުމާއި، ޝައްކުތައް ކުޑަކޮށް، ދެ ގައުމުގެ މެދުގައި ވިސްނުން އިތުރުކޮށް، އެކުވެރިކަން ބަދަހިކޮށް، ސަގާފީ މުއާމަލާތްތައް ކުރިއެރުވުމުގައި މުހިއްމު ދައުރެއް މީޑިއާއިން އަދާކުރާކަމަށްވެސް އެމްބެސެޑަރ ފާހަގަކުރެއްވިއެވެ.

ޗައިނާގެ ސަފީރު ވަންގް ލިކްސިން ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މޯލްޑިވްސް މީޑިއާ ކައުންސިލަށް ދެއްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި ޗައިނާގެ މީޑިއާ ރެގިއުލޭޓަރީ ބޮޑީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް ގުޅުން ބަދަހިކޮށްދެއްވާ، މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު