މަސައްކަތެއް ނެތި އެއްވެސް މީހަކަށް ސަރުކާރުން ވަޒީފާއެއް ނުދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މަސައްކަތެއް ނެތި ސިޔާސީ ވަޒީފާއެއްގައި އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. ސިޔާސީ މަގާމުތައް އުފެއްދުމުގެ ބޭނުމަކީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކޮށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށް މިއުވާން ވިދާޅުވިއެވެ. ކޮންމެ މީހަކު ވެސް ސިޔާސީ މަގާމަކަށް އައްޔަނު ކުރަނީ މަސްއޫލިއްޔަތުތަކާއިއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ގިނަ ވަޒީފާތައް ދެނީ ރައްޔިތުން އަޅުދާސްތުކުރަންކަމަށް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ވަޒީފާތައް އުފެއްދީ ތަރައްގީގެ ޕްރޮޖެކްޓްތައް އިތުރުވާތީ ކަމަށެވެ.

"މަޝްރޫއުތައް ގިނަވާ ވަރަކަށް، ތަރައްގީގެ ޕްރޮޖެކްޓްތައް ގިނަވާ ވަރަކަށް ވަޒީފާ އިތުރުވާނެ އިގޭތޯ.، ދިވެހި ރައްޔިތުންނަށް ވަޒީފާ ލިބިގެން އެދަނީ، މަސައްކަތްތަކެއް ނުހިގައޭ ވިދާޅުވާ ބޭފުޅުން އަނެއްކޮޅުން އެވިދާޅުވަނީ، މަސައްކަތްތައް ހިނގާ ވާހަކަ ކަންނޭގޭ. މަސައްކަތެއް ނެތި އެއްވެސް މީހަކަށް ވަޒީފާއެއް ދީފައެއް ނޯއްނާނެ." މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ސިޔާސީ މަގާމެއް އުފައްދަނީ، "ހަމަ މަގާމެއް" ދިނުމުގެ ގޮތުން ނޫން ކަމަށެވެ. މަގާމަށް އަންނަނީ ހަވާލު ކުރެވޭ މަސައްކަތަކާއި އެކުކަމަށް މިއުވާން ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު