ދެކުނު އޭޝިޔާގައި މިވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދުކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާ، ވޯލްޑް ބެންކުން ހާމަކޮށްފިއެވެ.

އިގްތިސާދުތަކާއި ގުޅޭގޮތުން އެންމެ ސައްހަ މައުލޫމާތު އާއްމުކުރާ އެއް އިދާރާކަމަށްވާ، ވޯލްޑް ބެންކުން މިކަން ހާމަކޮށްފައިވަނީ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައެވެ.

ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެެ އިގްތިސާދީ ހާލަތު ދިރާސާކޮށް ނެރުނު ރިޕޯޓްގައިިވާ ގޮތުން ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިގްތިޞާދީގޮތުން އެންމެ ބޮޑު ކުރިއެރުންތަކެއް ހޯދަމުންދަނީ ރާއްޖެ، އިންޑިއާ އަދި ނޭޕާލެވެ.

ރިޕޯޓްގައިވާ ގޮތުން ދެކުނު އޭޝިޔާގައި ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިންވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދެވެ. އޭގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަން ކުރިއެރުމާއި އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓްތައް އިތުރުވުންކަމަށް ރިޕޯޓްގައިވެއެވެ.



ވޯލްޑް ބެންކުން ބުނީ އިގްތިސާދަށް ލިބުނު ކުރިއެރުންތަކާއެކު ރާއްޖޭގެ އިގްތިސާދު ކޯވިޑްގެ ކުރިން އޮތް ހިސާބަށް ލަފާކުރި ވަރަށް ވުރެ އަވަހަށް ގޮސްފައިވާކަމަށެވެ.

ދެކުނު އޭޝިޔާގައި މިވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދުކަމަށް ވޯލްޑް ބެންކުން ބުނެފައިވާއިރު، މިދިޔަ އަހަރުވެސް މިސަރަހައްދުގައި އެންމެ ބާރަށް ކުރިއެރީ ރާއްޖޭގެ އިގްތިސާދުކަމަށް ރިޕޯޓްތަކުގައި ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދު ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނައިރު، ދައުލަތުގެ ރިޒާވް ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަވްގައި ހުރީ 827 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި މިދިޔަ ނޮވެންބަރު މަހާ އަޅާބަލާއިރު ރަސްމީ ރިޒާވަށް ވަނީ 223 މިލިއަން ޑޮލަރު އިތުރުވެފައެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ރަސްމީ ރިޒަރވް އެންމެ މަތީގައި ހިފެހެއްޓިފައިވަނީ ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައެވެ. މިގޮތުން 2018 ޑިސެންބަރުން 2022 ޑިސެންބަރުގެ ނިޔަލަށް އެވްރެޖް ގޮތެއްގައި ރަސްމީ ރިޒާވްގައި 817 މިލިއަން ޑޮލަރު ހުރިކަމަށް ހިސާބުތަކުން ދައްކާއިރު، މިއީ ކުރީ ދައުރުގެ އެވްރެޖް ރިޒާވް ހުރި މިންވަރާ އަޅާބަލާއިރު 39 އިންސައްތަ ގެ އިތުރުވުމެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު