މާލޭ ސިޓީގެ މަގުތައް އަމާންކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ރޭ ޕްރައިމަރީގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެެނެވިފައިވާ ކަމަށެވެ. އެގޮތުން ކުރިއާއި ޚިލާފަށް މާލޭ ސިޓީގެ މަގުތައް އަމާން ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ރާއްޖޭގައި އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމުން އަރައިގަނެވިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ ކުރިއާއި ޚިލާފަށް، އަޅުގަނޑުމެން ބޭނުންވަނީ މިކަން ދަމަހައްޓަން، އެހެންކަމުން ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ތިބޭފުޅުން ވޯޓް ދެއްވުމުގައި މިކަންކަމަށް ސަމާލުވުމަށް އަޅުގަނޑު އެދެން،" އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަށްވާ ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސާލިޙު ވިދާޅުވީ ރައްޔިތުންނަށް ވެރިކަމެއް ހަވާލުކުރެވިދާނެ ކަމަށެވެ. އަދި 2008 ވަނަ އަހަރު ނަޝީދާ ރައްޔިތުން ހަވާލުކުރި ވެރިކަން ދެމެހެއްޓިފައިނުވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ތަންފީޒު ކުރަމުންދަނީ އެމްޑީޕީ އާއި ކޯލިޝަންގެ މެނިފެސްޓޯ ކަމަށެެވެ. އެ މެނިފެސްޓޯގައި ހުރީ އެމްޑީޕީގެ ވައުދުތައް ކަމަށާއި އޭގެ ތެރޭގައި ލަފާފުރުން ދަތިވެފައިވާ ރަށްރަށަށް އެކަންކަން ހައްލުކޮށްދިނުމާއި ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމާއި މާލޭގެ ރަށްވެހިންނަށް ދިމާވެފައިވާ ދަތިތަށް ހައްލުކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަންކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ގެންދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ވެސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. ވޭތުވެ ދިޔަ ސަރުކާރުތަކަށް އެކަން ހައްލުނުވީ ދުރު ރާސްތާގެ ޕްލޭނެއް ނެތި ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއަށް ލުޔެއް ލިބޭނީ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދީ މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު މަދުކުރެވިގެން ކަމަށެވެ. ސަރުކާރުން އެމަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެއީ، ސުކޫލުތަކުގެ ތައުލީމް ދޭ ފެންވަރު މަތި ކުރުމާއި ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމާއި ޓޫރިޒަމް އަތޮޅުތަކަށް ގެންދިޔުމުގެ ބޭނުމަކީ އިތުރަށް މާލެއަށް މީހުން އައުމަށް މަޖުބޫރުނުކުރުން،" ރައީސް ވިދާޅުވިއެެެވެ.

ރައީސް ޞާލިހު ވިދާޅުވީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރީގެ އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން 7،000 ފްލެޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހުޅުމާލެއާއި ގުޅީފަޅު ބިންތަކުން މާލޭގެ ރަށްވެހިންނަށް ގޯތި ކަނޑާފައި މިއަހަރުގެ މެދުތެރޭގައި ފަތް ހަވާލު ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު