ނިޒާމް ބަދަލުކޮށް ގާނޫނު އަސާސީ ބަދަލުކޮށްގެން ވެސް ވެރިކަން ހޯދަން އުޅެނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި ޕްރައިމަރީގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވެރިކަން ނޫން އެއްޗެއް ނެތިގެން އުޅުއްވަނީ ރައީސް ނަޝީދު ކަމަށެވެ. އެގޮތުން ނިޒާމް ބަދަލުކޮށް ގާނޫނު އަސާސީ ބަދަލުކޮށްގެން ވެސް ވެރިކަން ހޯދަން އުޅެނީ ކާކު ކަން އެންމެންނަށް ވެސް އެނގޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ވެރިކަން، ވެރިކަން، ނޫން އެއްޗެއް [ނަޝީދަށް] ނެތް، [ވެރިކަމުގެ] ނިޒާމު ބަދަލުކޮށްގެން ވިޔަސް، ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް، ވެރިކަމަށް އަންނަން އުޅެނީ ކާކުކަން އެނގޭނެ،" ގާނޫނު އަސާސީ ބަދަލުކޮށްގެން ތިންވަނަ ދައުރެއް ހޯއްދަވަން ވެސް ރައީސް އުޅުއްވާނެ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ޞާލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގާނޫނު އަސާސީގައި އެކަކަށް އެންމެ ގިނަވެގެން ވެސް ވެރިކަމުގައި ހުރެވޭނީ ރިޔާސީ ދެ ދައުރުގައި ކަމަށެވެ. އެމަނިކުފާނު އެއަށް ވުރެ ދިގު މުއްދަތަކު ވެރިކަމުގައި ހުންނަވަން މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑު ނެތިން ދެ ދައުރަށްވުރެ ގިނައިން އިންތިޚާބަކަށް ކުރިމަތިލާކަށް ވެސް، އަޅުގަނޑު ނެތިން ބަރުލަމާނީ ނިޒާމެއްގެ ތެރޭގައި ވެސް ވެރިކަމުގައި ދެމި ހުންނާކަށް ވެސް،" ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށާއިި ބަރުލަމާނީ ނިޒާމަށް ނޫން ކަމަށެވެ. ރިޔާސީ އިންތިހާބެއްގައި ދެވަނަ ފަހަރަށް ވާދަކުރައްވަން ނުކުންނެވީ އެ ނިޒާމަށް ތާއީދުކުރައްވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާނަމަ ރިޔާސީ އިންތިހާބަށް ނުނުކުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު