ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ އެންމެ މީހެއްގެ ތާއިދުން ނޫން ކަމަށް ރައީސުލްޖުމޫހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ގެންނެވީ ވެސް އަދި ވެރިކަމުން ބާލާނީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. ނަޝީދުގެ އެ ވާހަކަފުޅާއި ގުޅިގެން ހުޅުމާލޭގައި މިރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވީ ވެރިކަމަކީ މާތް ﷲ ދެއްވަވާ އެއްޗެއް ކަމަށާއި، އެއްވެސް މީހަކަށް، މީހަކަށް ވެރިކަންދީ ވެރިކަން ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އެންމެ މީހެއްގެ ތާއިދަކުން ނޫން ކަމަށާއި އެއީ އެތައް ބަޔެއްގެ ތާއިދާ އެތައް ބަޔެއްގެ ވޯޓާއެކު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ކާކަށްތޯ އެހެން މީހަކަށް ވެރިކަމެއް ދެވޭނީ، ވެރިކަމެއް ބަދަލު ކުރެވޭނީ، އަޅުގަނޑު ހިތުން އިންސާނުންނަށް ﷲ ގެ އަޅުންނަށް އޮންނަނީ މަސައްކަތް ކުރުން، ވެރިކަމަކީ އެ ފަރާތުން ދެއްވާ އެއްޗެއް، އަޅުގަނޑު މިމަގާމުގައި މިހުރީ މި މަގާމަށް މިއާދެވުނީ މާތް ﷲ ގެ އިރާދަފުޅާއެކު އެތައް ބަޔެއްގެ ތާއިދާ އެތަށް ބަޔެއްގެ ވޯޓާއެކު އެންމެ މީހެއްގެ ތާއިދާއެކުގައެއް ނޫން،" ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މަގާމުގައި ދެމި ހުންނެވީ ވެސް އެންމެ މީހެއްގެ ތާއީދުގެ ސަބަބުން ނޫން ކަމަށެވެ. އެއީ ރައްޔިތުންގެ ތާއީދާއި އެއްބާރުލުމާއި މަދަދާއެކު ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ބ. ހިތާދޫއަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީން ރައީސް ސޯލިހް ނެރުނީ 18 މަސް ދުވަހު ވެރިކަން ކުރާ ގޮތަށް ކަމަށެވެ. ރައީސް ސޯލިހް ވެރިކަމަށް ގެނައީ އެމަނިކުފާނު ކަމަށާއި ވެރިކަމުން ބާލާނީ ވެސް އެމަނިކުފާނު ކަމަށް ނަޝީދު ވިދާޅުވިއެެވެ.

"ރައީސް ސޯލިހު ވެރިކަމަށް ގެންނަން ބުނީ އަޅުގަނޑު، ރައީސް ސޯލިހު ވެރިކަމުން ބާލަން ވެސް ހަމަ އުޅޭނީ އަޅުގަނޑު، އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން،"ވާހަކަފުޅު ނިންމާލައްވަމުން ނަޝީދު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު