އިބްރާހިމް ފަހީމް   11 ޖެނުއަރީ 2023 - 19:37
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ހުޅުމާލެ ދާއިރާ އެމްޑީޕީގެ މެމްބަރުންގެ ގޭގެއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ޕްރައިމަރީގައި ރައީސް ޞާލިޙްގެ "އެމްޑީޕީ ކުރިއަށް" ކެމްޕޭން ޓީމުން އިންތިޒާމުކުރި މި ހަރަކާތުގައި ރައީސް ޞާލިޙް މިއަދު ހަވީރުވަނީ ހުޅުމާލޭގައި ދިރިއުޅޭ އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ހިޔާލު ބަދަލު ކުރައްވާފައެވެ.

މި ހަރަކާތުގައި ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ ނިޔާޒުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އަދި ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ރައީސް ޞާލިޙް ބައްދަލު ކުރެއްވިއިރު އިއްޔެރޭ އެމަނިކުފާނު ވަނީ މާލޭ ދާއިރާގެ ރައްޔިތުންނާއިއެކު ދަރުބާރުގޭގައި ވެސް ހާއްސަ ބައްދަލުވުމެއް ބާއްވަވާފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކޮށްދެއްވާނީ މި ސަރުކާރުން ކަމަށާއި ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ދާނެކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގައި ކުރިއަށްއޮތް ދުވަސްތަކުގައި ވެސް ރައީސް ޞާލިޙްގެ ކެމްޕޭން ޓީމުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.



ކިޔުންތެރިންގެ ހިޔާލު