ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ދިޔައީ މި ސަރުކާރުގައިކަމަށާއި، އެންމެ ދަށަށް ގޮސްފައިވަނީ ކުރީ ސަރުކާރުގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަވްގައި ހުރީ 827 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ ހިސާބުތަކަށް ބަލާއިރު ރަސްމީ ރިޒާވްވަށް ވަނީ 223 މިލިއަން ޑޮލަރު އިތުރުވެފައެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ރަސްމީ ރިޒަރވް އެންމެ މަތީގައި ހިފެހެއްޓިފައިވަނީ ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައެވެ. މިގޮތުން 2018 ޑިސެންބަރުން 2022 ޑިސެންބަރުގެ އެވްރެޖް ގޮތެއްގައި ރަސްމީ ރިޒާވްގައި 817 މިލިއަން ޑޮލަރު ހުރިކަމަށް ހިސާބުތަކުން ދައްކާއިރު، މިއީ ކުރީ ދައުރުގެ އެވްރެޖް ރިޒާވް ހުރި މިންވަރާ އަޅާބަލާއިރު 39 އިންސައްތަ ގެ އިތުރުވުމެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ރިޒާރވް ފުރަތަމަ ފަހަރަށް 1 ބިލިއަން ޑޮލަރަށް، 2021 ސެޕްޓެންބަރުގެ ތެރޭގައި ވަނީ އަރާފައެވެ. މިސަރުކާރުގައި ރިޒާވް އެންމެ ދަށަށް ދިޔައިރުވެސް ރިޒާވްގައި 499.63 މިލިއަން ޑޮލަރު ހުއްޓެވެ. އަދި ކުރީ ސަރުކާރުގައި ރިޒާވް އެންމެ ދަށަށް ވެއްޓިގެން ދިޔައިރު ރިޒާވްގައި ހުރީ 343.5 މިލިއަން ޑޮލަރުކަމަށް ހިސާބުތަކުން ދައްކައެވެ.

ޔޫޒަބަލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގައި އަދާކުރަންހުރި ބޭރު ފައިސާގެ ލަޔަބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ ޢަދަދެވެ. އެމްއެމްއޭ ގެ ހިސާބުތަކުން ދައްކާގޮތުގައި 2021 ޑިސެންބަރު މަހުގައި ޔޫޒަބަލް ރިޒާވްގައި ހުރީ 419 މިލިއަން ޑޮލަރެވެ. މިއީ ކުރީ ސަރުކާރުގެ އެންމެ މައްޗަށް ޔޫޒަބަލް ރިޒާވް ޖެހުނު އިރު ހުރި ޢަދަދާ އަޅާބަލާއިރު 33 އިންސަތަ (104 މިލިއަން ޑޮލަރު) ގެ އިތުރުވުމެކެވެ. އެހެންކަމުން ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވްވެސް އެންމެ މައްޗަށް ގޮސްފައިވަނީ މިސަރުކާރުގެ ތެރޭގައިކަން ފާހަގަވެއެވެ.

ޔޫޒަބަލް ރިޒަރވް އެންމެ ދަށް ޙާލަތަކަށް ވެއްޓިފައިވަނީ ކުރީ ދައުރުގެ ތެރޭގައެވެ. މިގޮތުން މޭ 2017 ގެ ތެރޭގައި ޔޫޒަބަލް ރިޒަރވް 52 މިލިއަން ޑޮލަރަށް ވެއްޓިގެން ދިޔައެވެ. މިއީ ރާއްޖެއަށް ބޭނުންވާ ކާޑު ގަންނަން ބޭނުންވާ ފައިސާއަށްވުރެ ދަށް އަދަދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން