ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ބޮލުގައި ބަޑިޖެއްސިއަސް އިސްތިއުފާ ދެއްވާނެ ބޭފުޅެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓް ލިބިއްޖެނަމަ ރައްޔިތުން މަގުމަތިވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ޑީޑީ މިއަދު ވިދާޅުވީ, ރައްޔިތުން މަގުމަތިވީ 2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވައި އަދި 2013 ގައި ރައީސް ނަޝީދާއިއެކު ކޯލިޝަން ހަދާނެ ފަރާތެއް ނުލިބުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެއާއި ހިލާފަށް ރައީސް ޞާލިޙަކީ ކޯލިޝަން ދެމެހެއްޓުމުގެ ރެކޯޑު ގާއިމުކޮށް 2023 ގައި ވެސް ކޯލިޝަންގެ ބައިވެރިންގެ އިތުބާރު ކަށަވަރު ކުރައްވާފައިވާ ހަމައެކަނި ލީޑަރުކަމަށެވެ. އަދި ރައީސް ޞާލިޙަކީ ބޮލުގައި ބަޑިޖެއްސިއަސް އިސްތިއުފާ ދެއްވާނެ ބޭފުޅެއް ނޫންކަމަށް ޑީޑީ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ވެއްޓުމާއި ގުޅިގެން ނަޝީދު ފަހުން ވިދާޅުވެފައިވަނީ އެމަނިކުފާނު ރައީސްކަމުން އިސްތިއުފާ ދެއްވީ ބޮލުގައި ބަޑިޖެއްސުމުން ކަމަށެވެ. ނަމަވެސް އެކަމުގެ ހެއްކެއް ރައީސް ނަޝީދަށް މިހާތަނަށް ދެއްކެވިފައެއް ނުވެއެވެ.

މިހާރު ފޯރިއާއިއެކު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އެ ޕާޓީގައި އުފެދިފައިވާ ދެ ފެކްޝަންގެ މެންބަރުންގެ މެދުގައި ދަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އަދި މިހާރު ވަނީ އެކަން ދެ ރައީސުންނާއި ހަމައަށްވެސް ފޯރައި, އެ ދެބޭފުޅުންވެސް އެ ބަހުގެ ހަމަލާތަކުގައި ބައިވެރިވެވަޑައިގެންފައިކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު