ކުރިން އުފެދުނު އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދި މަގުމަތިވެގެން ދިޔައީ ކޯލިޝަން ދެމެހެއްޓުމުގެ ވިސްނުން ނެތިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބ. ދަރަވަންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ, ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށާއި އެކަން ކުރެވޭނީ ވެރިކަމުގައި ތިބެގެންކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވޭނެ ގޮތްވެސް މިހާރު އެބަ އެނގިވަޑައިގަންނަވާ ކަމަށާއި, ރާއްޖޭގައި އަދި ވެރިކަމަށް އާދެވެން އޮތީ ކޯލިޝަން ސަރުކާރެއްގެ ތެރެއިން ކަމަށެވެ.

“އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ ރާއްޖޭގެ ވެރިކަމަށް އާދެވޭނީ ގިނަބަޔަކު ހިމެނޭ ސަރުކާރެއް އެކުލަވާލައިގެންނޭ. މިއީ ރާއްޖޭގެ ސިޔާސީ މަޝްރަހު މިއަދު އޮތްގޮތް. އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓް ކުރިއަކުން އެކަމެއް ގަބޫލެއް ނުކުރައްވާ. މަސައްކަތް ކުރައްވަމުން ގެންދެވީ އެކަނިމާއެކަނި ނިކުމެވަޑައިގެން އިންތިހާބު ކާމިޔާބު ކުރެއްވުމަށް. އެހެން ނަމަވެސް, މިއަދު އެއީ އެކަން އެހެން ކުރެވެން އޮތްކަމެއް ނޫންކަމަށް އެ ގަބޫލު ކުރައްވަނީ. މިއަދު ވިދާޅުވީ ކޯލިޝަން ހަދާވާހަކަ.” ޕްރައިމަރީގެ ވާދަކުރަށްވާ ނަޝީދަށް އިޝާރަތް ކުރަށްވައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިންވެސް ވެރިކަމަށް ވަޑައިގެންނެވީ ވަރަށްގިނަ ވައުދުތަކެއް ވެވަޑައިގެން ކަމަށެވެ. ނަމަވެސް ވައުދުތައް ނުފުއްދި މަގުމަތިވެގެން ދިޔައީ ކޯލިޝަންގެ ވިސްނުން ނެތިގެން ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ, 2018 ގައި ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރީ ކޯލިޝަން ސަރުކާރެއް ކަމަށާއި އިރާދަކުރެއްވިއްޔާ މި ދައުރު ނިންމާނީ ކޯލިޝަން ސަރުކާރާއިއެކު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު