ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮށްދެއްވި އެންމެ މުހިންމު އެއްްކަމަކީ އެމްޑީޕީ މެންބަރުން މަގުމަތި ނުކުރުންކަމަށް ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ، 2018 އިން ފެށިގެން 2022 އަށް ރައީސް ޞާލިޙް ކޮށްދެއްވި އެންމެ މުހިންމު ކަމަކީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަގުތަކަށް ނުނެރެ ހާސްކަމުގެ ތެރެއަށް ވައްޓާނުލައްވާ މި ވެރިކަން މިހާހިސާބަށް ގެނެސްދެއްވުން ކަމަށެވެ.

ޝަރީފް މީގެ ކުރިންެވެސް ވަނީ މިރާއްޖޭގައި ބިރުވެރިކަމެއް ނެތި އެ މީހެއްގެ ސިޔާސީ ފިކުރަކަށް ތާއިދުކޮށް ކުރިއެރުވުމަށް ފުރުސަތު ހަމައެކަނި ލިބުނީ ރައީސް ސާލިހުގެ ވެރިކަމުގައިކަމަށް ވިދާޅުވެ ރައީސަށް ތައުރީފު ކުރައްވާފައެވެ.

ޝަރީފް މިފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ދާދިފަހުން ބޭއްވި ޖަލްސާއެއްގައި ރައީސް ޞާލިޙް ވެސް ވަނީ އެމްޑީޕީގެ އާންމު މެންބަރުން މަގުމަތިވިޔަނުދީ ވެރިކަން ކުރެއްވުމަކީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާ ވާހަކަ ދައްކަވާފައެވެ.



ރައީސް ވިދާޅުވީ، ފުރަތަމަ އުފެދުނު އެމްޑީޕީގެ ވެރިކަމުގެ ކުރީކޮޅު އެ ވެރިކަން ނިމުމާއި ގުޅިގެން، އޭރު އެމްޑީޕީ މެންބަރުން ކުރި ބުރަ މަސައްކަތް ބޭކާރުވެ އަލުން އެ ރައްޔިތުން ވީ މަގުމަތި ކަމަށެވެ. އަދި އެެހެންކަމުން، އެމްޑީޕީއަށް ބޭނުންވަނީ ވެރިކަމުގެ ދައުރު ފުރިހަމަ ކުރެވޭނެ ވެރިއެއްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު