ބ. އަތޮޅު ތުޅާދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގައި މިއަދު ބ.އޭދަފުށްޓަށް ވަޑައިގެން އެ އަތޮޅުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ތުޅާދޫގައި އެއަރޕޯޓެއް ތަރައްޤީކުރަން ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި ބަޔަކާއި ހަވާލުކުރައްވާނޭކަމަށެވެ. އަދި އަންނަ އަހަރު އެތަން ބޭނުންކުރަން ފެށުމަކީ އަމާޒެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.



"އަހަރުގެ މެދު ތެރެއަށްދާއިރު، އެތަނުގައި ބިން ހިއްކާ މަސައްކަތް ފެށޭނެ. އަހަރު ނިމޭއިރު އެތަން ބޭނުންކުރެވޭ ވަރު ކުރުމަކީ އަމާޒެއް" ރައީސް ވިދާޅުވިއެވެ.

ޕްރައިމަރީގެ ކެމްޕެއިނަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތީ މުހިއްމު ރިޔާސީ އިންތިހާބެއްކަމަށާއި، އެ އިންތިހާބު ކާމިޔާބުކުރުމަކީ ޤައުމީ މަސައްކަތެއްކަމަށެވެ.

ރައީސް ވިދާޅުވީ ގިނަ މަސައްކަތްތަކެއް މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައިކަމަށެވެ. އަދި ތަރައްގީގެ އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ވެރިކަން ދަމަހައްޓަންޖެހޭކަމަށާއި އެކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މުހިއްމުކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަން ކުރިއަށްދިޔަ ގޮތް އެނގޭކަމަށާއި، މިއަދު ވިސްނަންވީ އެ އަނިޔާވެރިކަމަށް ދާންވިތޯ ނުވަތަ ނޫންތޯކަމަށެވެ. އަދި މީގައި އެމްޑީޕީ މެމްބަރު ދައުރު ބޮޑުކަމަށާއި އެއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ވިސްނަންޖެހޭ ސަބަބެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު