މާލޭގައި މިފަހުން ހިނގި އަލިފާނުގެ ހާދިސާތަކާއި ޓެރަރިޒަމްއާ ގުޅެވޭފަދަ ކަމެއް މިހާތަނަށް ފެނިފައިނުވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މާލޭގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ އެކަމާއި ޓެރަރިޒަމާ ގުޅުވައިގެން ވާހަކަ ދައްކާފައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ނީލަން ފިހާރައިގެ އަލިފާނުގެ ހާދިސާއާއި އެންމެފަހުން ހިނގި އަލިފާނުގެ ހާދިސާގެ ތަޙްޤީގުކުރަމުން އަންނަކަމަށެވެ. އަދި މީގެކުރިން ހިނގާފައި ހުރި އަލިފާނުގެ ބޮޑެތި ހާދިސާތައް ތަޙްޤީގު ކުރުމަށްޓަކައި ބޭރުގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާތަނަށް ބެލިބެލިމުން މިއިން އެއްވެސް ކަމެއް ހިނގާފައިވަނީ ބަޔަކު ގަސްދުގައި ކުރިކަމަކުންކަން ސާބިތުވާ ވަރުގެ ހެއްކެއް ނެތްކަމަށް ހަމީދު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާ ޓެރަރިޒަމްއާ ގުޅުވައިގެން ވާހަކަ ދައްކަމުންދާއިރު އައްޑޫގައި އިއްޔެ ވަނީ އިންޒާރުތަކެއް ހިމެނޭ ކަރުދާސްތަކެއް އެކި ތަންތަނުގައި ތަތްކޮށްފައެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ބަލަމުންދާކަމަށެވެ.

ކޮމިޝަނަރ ވަނީ މާލޭގައި ފަސޭހައިން އަލިފާނުގެ ހާދިސާތައް ހިނގާފާނެ ތަންތަނާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށާއި ގަސްދުގައި މިފަދަ ކަމެއް ކުރާނެކަމަށް ބެލޭވޭނަމަ އެ މަޢުލޫމާތު އަވަހަށް ހިއްސާކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު