ކުރީގެ ރައީސް މުޙައްމަދު ނަޝީދު, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުން އެދިވަޑައިގެން ބައެއް ކަންކަމުގައި އެމަނިކުފާނު ރިއެކްޓް ނުކުރެއްވި ސަބަބު ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް ވިދާޅުވެދެއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ފެކްޝަނުން ވެސް ދަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައްދީ ބައެއްފަހަރު ޒާތީ ބަހުގެ ހަމަލާތައްވެސް ބަދަލު ކުރަމުންނެވެ.

މިފަހަރުގެ ކެމްޕޭންގައި ރައީސް ނަޝީދު ވަނީ ރައީސް އަރިހުގައި ބައެއް ކަންކަމު އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެމަނިކުފާނު އެ ކަންކަމަށް ރިއެކްޓް ނުކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ރިއެކްޓް ނުކުރައްވާ މަޑުން ހުންނަވާކަމަށްބުނެ ގިނަބަޔަކު ރައީސް ޞާލިޙަށް ފާޑުކިޔަމުން ދަނިކޮށް، ނަޝީދު މިފަދައިން ވިދާޅުވުމުން ރައީސަށް އަމާޒުވި ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޞާލިޙް ވެސް ވަނީ ރިއެކްޓް ކުރުމާ ގުޅޭގޮތުން އެމަނިކުފާނު ގެންގުޅުއްވާގޮތްތައް ވިދާޅުވެދެއްވާފައެވެ.

އެ ވާހަކަތަކާއި ގުޅުވައިގެން ސަންގްޓީވީގައި ރޭ ސަނީފް ވިދާޅުވީ, ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތާއި ފައިދާ އެކުލެވޭ ބައެއް ކަންކަމަށް އެމަނިކުފާނު ހުށަހެޅުއްވުމުން ރައީސް ޞާލިޙް އެއާއި އެއްގޮތަށް ކުރިޔަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ ”ރިއެކްޓު“ ކުރައްވާފައި ނުވާ ކަމަށެވެ.

އެގޮތުން, ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމަށް ރައީސް ނަޝީދު ބޭނުންފުޅު ވާތީ އެ ފުރުސަތު ފަހިކޮށްދޭން އެދި ތަކުރާރުކޮށް ހުށަހެޅުމަށްފަހު ޕާޓީގެ ގައުމީ މަޖިލީހާއި ވެސް ބައްދަލު ކުރައްވައި މިއީ ހުރިހާ އެންމެނަށް ވެސް ފައިދާ ހުރި އަދި މަގާމާއި މެމްބަރުކަން ޔަގީން ކުރެވޭނެ ނިންމުމަކަށް ވާނެކަމަށް ނަޝީދު ދެންނެވިކަމަށް ސަނީފް ވިދާޅުވިއެވެ.

ނަމަވެސް, މަޖިލީހުގައި އޮތް ސްޕަރމެޖޯރިޓީގެ ނަހަމަ ބޭނުން ހިފައިގެން ބަރުލަމާނީ ގެންނަން އުޅުން އެއީ ބަލައިގަނެވޭނެ ގޮތެއް ނޫންވީމާ އެކަމަށްވެސް ރައީސް ރިއެކްޓް ނުކުރެއްވީކަމަށް ސަނީފް ވިދާޅުވިއެވެ.

އޭގެ އިތުރުން ދެން ރައީސް އަރިހުގައި ރައީސް ނަޝީދު އެދިވަޑައިގެންނެވި އަނެއްކަމަކީ ކޯލިޝަން ރޫޅާލުން ކަމަށާއި އެކަމަށްވެސް ރައީސް ޞާލިހް ރިއެކްޓް ނުކުރެއްވީ ދިވެހި ރައްޔިތުންނާއި ގައުމުގެ ހަމަޖެހުމާއި ޕާޓީގެ ވެސް މަސްލަހަތަށްޓަކައި ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ, 2018 ގައި އުފެދުނު މި ވެރިކަން އަމާންކަމާއި އޮމާންކަމާއިއެކު ކުރިއަށް މިދަނީ ރައީސް ޞާލިޙްގެ ދުރުވިސްނުންފުޅުގެ ސަބަބުން ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އެފަދަ ވާހަކަތައް ނުދައްކާ މަޑުކުރީ ރައީސް ނަޝީދަކީ ވަރަށް އިހުތިރާމު ކުރާ ބޭފުޅަކަށް ވާތީ ކަމަށާއި ނަމަވެސް, އެ ވާހަކަތައް ހާމަކުރަން ޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށް ސަނީފް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު