ވެރިކަން ލިބިވަޑައިގެންފިނަމަ ޓެކްސީތައް ސަރުކާރަށް ގަންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަށްވާ އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަތޮޅު ތެރެއަށް ކުރެއްވި ރިޔާސީ ކެމްޕޭން ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ވެރިކަން ލިބިވަޑަައިގެންފިނަމަ ހުރިހާ ޓެކްސީތައް ސަރުކާރަށް ގަންނާނެ ކަމަށެެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް އެހެން ހުނަރެއް ހޯދައިދީ ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެ ކަމަަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ތަފާތެއްގެ ގޮތުން ހުށައަޅާ ސިޔާސަތަކީ ޓެކްސީތައް ސަރުކާރަށް ގަނެ އަދި ޓެކްސީ ޑްރައިވަަރަށް އެހެން ހުނަރެއް ހޯދައިދީ ނުވަތަ އެ ޑްރައިވަރަށް ބަސް ކުންފުނިން ވަޒީފާ އެއް ދިނުން،" ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ރައީސްކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވެފައިވާއިރު، ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު