އެމްޑީޕީގެ އާންމު މެމްބަރުން އެންމެ ބޮޑަށް ވިސްނުން ބަހައްޓަވަންވީ ޕްރައިމަރީއަށްފަހު ކުރިމަތީގައި އޮތް ރިޔާސީ އިންތިޚާބަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ނ. މިލަދޫއަށް މިއަދު ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއަށް އަންނަމުންދާ ތަރައްޤީއާއި ކުރިއެރުން އެގޮތުގައި ދެމެހެއްޓުމަށްޓަކައި އެމްޑީޕީ ވެރިިކަމުގައި ދެމިއޮތުން މުހިއްމުކަމަށެވެ. އަދި އެމްޑީޕީގެ އާންމު މެމްބަރުން އެންމެ ބޮޑަށް ވިސްނުން ބަހައްޓަވަންވީ ޕްރައިމަރީއަށްފަހު ކުރިމަތީގައި އޮތް ރިޔާސީ އިންތިޚާބަށްކަމަށްވެސް ސާލިހު ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ މިހާރު އަންނަމުންދާ ތަރައްޤީ ކުރިއަށްގެންގޮސް، ކުރަންހުރި ގިނަ މަސައްކަތްތައް ނިންމާލުމަށް އެމްޑީޕީ ވެރިކަމުގައި ދެމިއޮތުމަކީ ކުރަންއޮތް އެންމެ ބޮޑު އަދި އެންމެ މުހިންމު މަސައްކަތްކަމަށެވެ. އަދި މިހާރު ވެރިކަމުގައި އޮވެ ފެންނަމުންދާ ބަދަލުތަކާއިއެކު ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފަހިގޮތަކީ އެމްޑީޕީ ވެރިކަމުގައި އޮތުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ވެރިކަމުގައި ނެތް އިރު އަޅުގަނޑުމެން ތިބެންޖެހުނު ހާލު، މަގުމަތީގައާއި އަނިޔާވެރިކަމާއި ބިރުވެރިކަމެއްގެ ތެރޭގައި އަޅުގަނޑުމެން އުޅެންޖެހުނީ. ހަމައެކަނި މަގުމައްޗަކަށް ނޫން، އެތައްބަޔަކު ޖަލަށްވެސް ދާންޖެހުނު. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ދެން އެދުވަސް އަންނާކަށް ނޭދޭނެ." ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވަނީ މިލަދޫގެ ތަރައްޤީއާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން މިސަރުކާރު ވެރިކަމަށް އައިފަހުން މިލަދޫގެ ބަނދަރުގެ މައްސަލަ ހައްލު ކުރެވި، އިންޖީނުގެ އަޕްގްރޭޓް ކުރެވި، ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާޙަގަކުރެއްވިއެވެ. އަދި މިއަހަރު މިލަދޫގައި އޭޓީއެމް މެޝިނެއް ބެހެއްޓިގެންދާނެކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު