މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ހަރަކާތުން 744713.90 ރުފިޔާ ލިބިއްޖެއެވެ.

"ޗާލު މިސްކިތް" ހަރަކާތަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ 1 މިލިއަން ރުފިޔާގެ ބަޖެޓަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް ސިޓީ ކައުންސިލުން ފެށި ހަރަކާތެކެވެ.

މި ހަރަކާތް 2 ދުވަހެއްގެ މައްޗަށް ބަހާލައިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މި ހަރަކާތުގެ ފުރަތަމަ ދުވަހު 313397.90 ރުފިޔާ ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ޖުމްލަ 7 ލައްކަ ރުފިޔާ މި ހަރަކާތަށް ލިބިފައިވާކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑީއާ ގްރޫޕުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން މޭޔަރު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާކަމަށެވެ.

ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ 9 މިލިއަން ހަރަދު ވާނީ ކޮންކޮން މަރާމާތްތަކަކަށް ކަން މޭޔަރު ވަނީ ނޫސްވެރިންނާ ހިއްސާ ކުރައްވާފައެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެއެވެ.

ސިޓީ ކައުންސިލުން މިސްކިތް މަރާމާތުކުރުމަށް ފަންޑް ރައިސިންގ ހަރަކާތެއް ކުރިއަށްގެންދިއުމާއިމެދު އިސްލާމިކް މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތައް މަރާމާތުކުރަން ފައިސާ ހަމަޖައްސައިދީފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު