މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 22000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެތެރޭގައި އެންމެ ގިނައީ ރަޝިޔާ ފަތުރުވެރިންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 22297 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %7ގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެއީ 4402 ފަތުރުވެރިންނެވެ. ދެވަނައިގައި އިޓަލީ އުޅޭއިރު، 3 ވަނައިގައި އުޅެނީ މިދިޔަ އަހަރުގެ 1 ވަނަ އިންޑިއާއެވެ.



ރަޝިއާއިން ރާއްޖެ އަންނަމުންދިޔަ ފަތުރުވެރިންގެ އަދަދު އިތުރުވެފައި މިވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދިއުމަށްފަހުއެވެ.

ރަޝިޔާ، އިޓަލީ އަދި އިންޑިއާއަށްފަހު ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަކީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތެވެ.

ރާއްޖެއިން މިއަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1،675،294 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު