ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މިވެރިކަމުގައި ކޮންމެ 24 ގަޑިއިރަކުން ޕްރޮޖެކްޓެއް އެބަ ހިންގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޓީމުގެ ފަރާތުން ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ 1350 ޕްރޮޖެކްޓްގައި މިހާރު ސޮއިކޮށް އެވޯޑްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓްގައި 350 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގަން ރާވާފައިވާ ކަމަށް ރިޒާ ވިދާޅުވިއެވެ.

"މީގެ މާނައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމުގައި ހުރި ކޮންމެ ދުވަހަކު ހުކުރު ހޮނިހިރު ވެސް ލައިގެން ގުނީމަ ކޮންމެ 24 ގަޑިއިރަކަށް ޕްރޮޖެކްޓެއް، ކޮންމެ 24 ގަޑިއިރަކަށް ޕްރޮޖެކްޓެއް، މިިދައްކަނީ ހިސާބުން ވާހަކަ، ބަޖެޓް ފޮތުން ހިސާބުން ވާހަކަ މި ދައްކަނީ، ހަމަ ހުރެގެން ހީވާ އެއްޗެއް ބުނަނީކީ ނޫން." ރިޒާ ވިދާޅުވިއެވެ.

މީގެއިތުރުން ރިޒާ ވިދާޅުވީ ކުޑަރަށެއް ބޮޑު ރަށެއް ފަޅުރަށެއް ނުބަލައި ތަރައްގީ ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ވާދަވެރި ކެންޑިޑޭޓް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެއީ ވަރަށް ހިތްދަތިވި ކަމެއް ކަމަށް ރިޒާ ވިދާޅުވިއެވެ. އެހެން ނަމަވެސް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި އެމްޑީޕީން އަމަލު ކުރަންޖެހޭ ސިޔާސަތަކީ އެއީ ކަމަށް ރިޒާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން، އަސާސީ އެއްވެސް ޚިދުމަތަކުން ރައްޔިތަކު މަހުރޫމް ކޮށްގެން ނުވާނެ، އެންމެ ބޮޑު ރަށުގައި އަޅާ ހޮސްޕިޓަލު ބޮޑުވާނެ ކުޑަ ރަށުގައި ވެސް އަސާސީ ކަންތައްތަށް ކަށަަވަރުވާންޖެހޭނެ، ރައްޔިތުން ސާފު ބޯފެނުން ފެންވަރަން ޖެހޭނެ. ރީތި އިންޖީނުގެތަށް ހުންނަންޖެހޭ، ރީތި މިސްކިތްތައް ހުންނަންޖެހޭނެ، ރީތި ތަސައްވަރެއް އެ ރައްޔިތުންނަށް ރީތިކޮށް ހަމަހިމޭންކަމާއެކީގައި އަމާންކަމާއި އެކީގައި އުޖާލާ ކަމާއެކު ދިރިއުޅެވޭނެ ގޮތްތަށް ހޯދައިދޭނެ، އެކަން ކޮށްދެއްވި ބޭފުޅަކީ ހަމަ ޔަގީނުން ވެސް ދިވެހިރާއްޖޭގެ ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރާނެ ފަދައިން ރައީސް ސޯލިހް،" ރިޒާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޒާ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 07 ވަނަ ދުވަހު ވެއްޓި 2018 ވަނަ އަހަރާއި ހަމަޔަށް އެމްޑީޕީގެ މެމްބަރުން ކުރި ހިތްދަތި ތަޖުރިބާ ދެވަނަ ފަހަރަށް ކުރަން އެޕާޓީގެ އެއްވެސް މެމްބަރަކު ބޭނުންނުވާ ކަމަށެވެ. ޢެމްޑީޕީގެ މެމްބަރުންނަކީ ވަރަށް ތޫނުފިލި، ވަރަށް ގާބިލް، އަދި ވިސްނުމުގެ ކުޅަދާނަ ލކަން ހުރި ބައެއް ކަމަށް ރިޒާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ސަތޭކަ ޕަސެންޓް ޔަގީން އިރާދަކުރެއްވިޔާ މި އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ގެނެސްދިނުމަށްޓަކައި އަދި މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ބާރު ސްޕީޑްގައި ގޮސް ނިންމުމަށްޓަކައި މިކަން ކުރާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކެތް ވެސް ނެތް،" ރިޒާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު