ނ. ވެލިދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތާއި ޖޫނިއަރ ކޮލެޖުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ. އަދި އެރަށުގެ ޖޫނިއަރ ކޮލެޖުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެމަނިކުފާނު އެ ރަށަށް ވަޑައިގަންނަވާއިރު ޖޫނިއަރ ކޮލެޖުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ވެލިދޫގެ އިތުރުން އެ އަތޮޅު މަނަދޫ އާއި ހއ. އިހަވަންދޫގައި ގާއިމު ކުރާ ހޮސްޕިޓަލުުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވެލިދޫގެ މަގުތަށް ހެދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދާ ކަމަށެވެ. އަދި އެ މަގުތަކުގެ މަސައްކަތް ނިމުމުން ބާކީހުރި މަގުތައް ހަދައިދިނުމަށް ކައުންސިލުން އެދިފައިވާ ކަމަށާއި ރައްޔިތުންނާއި ކައުންސިލުން އެދޭގޮތަށް އެމަސައްކަތް ވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ ވެލިދޫގެ އައު އިންޖީނުގެ އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ޕިކްނިކް އައިލެންޑު ވެސް ކައުންސިލާ މަޝްވަރާކޮށްގެން އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު