ކުރިއަށްއޮތް ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގައި މިރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށާއި އަދި އެއަށްފަހު އުފެދޭ ސަރުކާރު ދަމަހައްޓައިދެއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ, އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ތަފާތު ފިކުރުތަކުގެ މީހުންނާއިއެކު ސަރުކާރެއް އުފެއްދުމުގެ ވިސްނުން ހުރި މީހަކަށް ކަމަށެވެ. އަދި އެ ވިސްނުން ހުރި އެފަދަ ތާއީދެއްވެސް އޮތް މީހެއްކަމުގައި ގަބޫލުފުޅު ކުރައްވަނީ އެމަނިކުފާނުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

“އެކަން ކުރެވެން އޮތީ ތަފާތު ފިކުރުތައް އެއްކޮށް އުފެއްދޭ ސަރުކާރެއް އުފެއްދުމުގެ ވިސްނުމެއް ހުރި މީހަކަށް. އަދި އެފަދަ ތާއީދެއްވެސް އޮތް މީހަކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަން ކުރެވޭނެ މީހަކަށް މި ޕާޓީގައި ހުރީ އަޅުގަނޑު.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ގެންދަވަނީ އެކަން މިހާތަނަށްވެސް ސާބިތު ކޮށްދެއްވަމުން ކަމަށާއި ރައްޔިތުން އެކަން ގަބޫލު ކުރާކަމަށެވެ.

ގިނަބަޔަކާއިއެކު ނުކުމެ ވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއިރު, ރައީސް މީގެ ކުރިންވެސް ވަނީ ރިޔާސީ ޕްރައިމަރީ ނިމުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ އެމަނިކުފާނާއިއެކު ކޯލިޝަން ހަދާނެ މީހުން ހޯއްދެވުން ކަމަށެވެ.

މިރޭ ވެލިދޫގައި ބޭއްވި ޖަލްސާގައި އެ ދާއިރާގެ މަޖިލިސް މެންބަރުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިކަންވެސް ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު