ރައްޔިތުންނަށްޓަކައި އެމްޑީޕީން ވީ ވައުދުތައްހުރީ ފުދި ނިމިފައި ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ނޫން ބޭފުޅަކު ވެރިކަމަށް ގެެންނަން މަސައްކަތް ކުރާނެ ފުރުސަތެއް ނެތް ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރިކޯ މޫސާ މަނިކު ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން ރައީސް ސޯލިހްގެ ކެމްޕޭން ޓީމުގެ ފަރާތުން ރ. މީދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ އެމްޑީޕީން ވީ ހުރިހާ ވައުދުތައް ރައީސް ސޯލިހް ފުއްދަވައިދެއްވާފައިވާ ކަމަށާއި އެޕާޓީގެ ތެރެއިން އިތުރު ބޭފުޅަކު ވެރިކަމަށް ގެނައުމަށް ވާހަކަ ދައްކާނެ ފުރުސަތެއް ނެތް ކަމަށެވެ.

މޫސަ ވިދާޅުވީ ކުރިން ކެމްޕޭނަށް ރަށްރަށައް ވަޑައިގަތުމުން ރައްޔިތުން އެދެނީ ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކޮށް ބަނދަރުތަށް ހަދައިދިނުން ފަދަ ކަންކަން ކޮށްދިނުމަށް ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ރައްޔިތުންގެ ފަރާތުން އިވުނީ މުޅިން ތަފާތު ވާހަކަތަކެއް ކަމަށް މޫސަ ވިދާޅުވިއެވެ.

"މިފަހަރު އެހެނެއް ނޫން ވީއަކީ، އަޅުގަނޑު އެރި ހުރިހާ ރަށަކުން ބުނީ އަދި އިތުރަށް ކުޑަކަމެއް ކޮށްލަދެއްވާށޭ. ކުރީގެ ކަންތައްތައް ހުރީ ނިމިފައޭ، ބަނދަރުވިޔަސް ނަރުދަމާ ވިޔަސް ހުރިހާ ކަމެއް ވެސް ހަމަވެފައޭ ހުރީ. އެހެން ނަަމަވެސް ނެރުފައިކަށި ކުޑަކޮށް މިއަތަށް ޖައްސާލާށޭ، ފެންހޮޅި މި ދިމާލުން ކުޑަކޮށް ހިއްލާލަދޭށޭ، އެކަހަލަ ވާހަކަތައް މިއަންނަނީ. ވަރަށް އުފާވި، ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް." ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ތަރައްގީގެ އެއްވެސް މަސައްކަތެއް ނުހިނގާ ރާއްޖޭގެ އެއްވެސް ރަށެއް ނެތް ކަމަށެެވެ. އެމްޑީޕީން ބޭނުންވި ފެންވަރަށް ލާމަރުކަޒީ ނިޒާމް ރައީސް ގެނެސްދެއްވާފައިވާ ކަމަށާއި ކައުންސިލްތަކަށް ބާރު ދެއްވައި ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭން ބުނި ފައިސާ ވެސް ދެއްވާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިދީފައިވާ ކަމަށާއި ތައުލީމީ ދާއިރާގެ މުވައްޒަފުންނާއެކު ސަރުކާރުގެ 15000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާފައިވާ ކަމަށެެވެ. އަދި ދަތުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލައި ބޯ ހިޔާވަހިކަމުގެ ސިޔާސަތު ވެސް ރައީސް ގެނެސްދެއްވާފައިވާ ކަމަަށް މޫސަ ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމުގެ ނިޒާމުން މަނިކުފާނު ދެމިލައިފި، މުސާރަ ބޮޑުކުރުމުގެ ނިޒާމުން ވެސް މަނިކުފާނު ދެމިލައިފި، ސިޔާސީ ޕާޓީތަކާއެކު ގުޅުން ގެންގުޅުމުގެ ނިޒާމުން ވެސް މަނިކުފާނު ދެމިލައިފި، ލާމަރުކަޒު ކުރުމުގެ ރޮނގުން ވެސް މަނިކުފާނު ދެމިލައިފި. ބަނދަރު ހެދުމުގެ ރޮގުން ވެސް ދެމިލައިފި. ފެނާ ނަރުދަމާ ނިޒާމުން ވެސް މަނިިކުފާނު ދެމިލައިފި. މަގު ހެދުމާއި ބިންް ހިއްކުމުން ވެސް މަނިކުފާނު ދެމިލައިފި. ޝުކުރިއްޔާ ރައީސް،، ރައީސަށް ކިޔަންވީ ދެމިލައިފިޔޭ." ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ފައްޓަވާފައި ހުރި ޕްރޮޖެކްޓްތައް ނިންމާލުމަށް އެމަނިކުފާނަށް އިތުރު ދައުރެއް ދޭންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ. ރައީސް ސޯލިހަށް ރައްޔިތުން ދެވަނަ ދައުރެއް ދީފިނަމަ އެމްޑީޕީގެ ސިޔާސަތުތަކާއި ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ހުރިހާ ކުރިއެރުމެއް ބޭނުންވާ ފެންވަރަށް ލިބިގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ގޭތެރޭގެ ކަމެއް ކަމަށެވެ. އެ ޕްރައިމަރީ އާއި ހެދި ޕާޓީގެ ތެރޭގައި ތަޅާ ފޮޅަން ޖާގަ ނުދެއްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު