ރ.އަތޮޅުގައި ފެނާއި ނަރުދަމާ ނެތުމުގެ ދަތިކަން ނިމުމަކަށް ގެނެސްދެއްވާނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން ( ހަސަންޓޭ ) ވިދާޅުވެއްޖެއެވެ.

ރ. މީދޫގައި ރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން ( ހަސަންޓޭ ) ވިދާޅުވީ ‏ރައީސް ސާލިހު ވެރިކަން ފެށުނުއިރު އެއްވެސް ރަށެއްގައި ފެނާއި ނަރުދަމާއެއް ނެތްކަމަށެވެ.

"މިއީ 15 ރަށް 24000 ގެ އާބާދިއެއް، ނަޖިސް ފެނުން ބޮއެގެން ތިބީ. މި ނިންމަނީ އެކަން. އެހެންވެ ރައީސް ސާލީހުއަށް މިއަތޮޅުގެ ހުރިހާ އެމްޑީޕީގެ މެންބަރުން ވޯޓް އަޅަންވީ" ހަސަންޓޭ ވިދާޅުވިއެވެ.

ހަސަންޓޭ ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއެކުކަމަށާއި، ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށެވެ. އަދި ފެނާއި ނަރުދަމާ ލިބިފައި މިއޮތީ އެގޮތުގެ މަތިން ރެއާއި ދުވާލު ކުރެއްވި މަސައްކަތުން ކަމަށްވެސް ހަސަންޓޭ ވިދާޅުވިއެވެ.



ހަަސަންްޓޭ ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެކަމަށެވެ.

" ކުރެވޭ ކަންކަމުގެ ވާހަކަވެސް ދައްކާނަން. ނުކުރެވޭ ކަންކަމުގެ ވާހަކަވެސް ދައްކާނަން. އަޅުގަނޑުމެންނަކީ މަޝްވަރާގެ އުސޫލުން، ކަންކަން ނިންމާ ބައެއް" ހަސަންޓޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ރައީސް ސާލިހު އުޅުއްވަނީ ރ.އަތޮޅުގެ ބައެއް ރަށްރަށުގައި ކެމްޕެއިންގައެވެ. އަދި ރައީސް ނަޝީދު އުޅުއްވަނީ މެދުރާއްޖެތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު