އެމްޑީޕީއަށް ވެރިކަން ގެއްލި އެމްޑީޕީ މަގުމަތިވުމަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރ. މާކުރަތަށް ވަޑައިގެން އެރަށުގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި މެމްބަރުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެެވެ. ރައީސް ސޯލިހް ވިދާޅުވީ ނަޝީދުގެ ސަރުކާރު 2008ގައި ބަދަލުވެގެން ދިޔަ ގޮތަކީ އެކަން ވާން ޖެހޭ ގޮތް ނޫން ކަމަށެވެ.

އެގޮތަށް އެމްޑީޕީ ސަރުކާރެއް ބަދަލުވެ "މަގުމަތިވާން ބޭނުން ނުވާ ނަމަ" އެމަނިކުފާނަށް ޕްރައިމަރީގައި ވޯޓް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ނަޝީދުގެ ސަރުކާރު ވެއްޓުމުގެ މައިގަނޑު ސަބަބަކީ ކޯލިޝަން ރޫޅިގެން ދިޔުމުން ކުރިމަތިވި، އުނދަގޫތަކާއި ދަތިތަކާއި ގުޅިގެން ކަަމަށެވެ.

"ދެވަނަ ފަހަރަށް މިކަމެއް އިއާދަ ވުމަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އެހެންވެ އަޅުގަނޑު ނިކުމެ މި ހުރީ،" 2018 ވަނަ އަހަރު ވެރިކަމަށް އައި ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމުގެ ރިކޯޑް އޮތް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ކަންތައްތައް ކޮށްދޭނޭ ކެނޑިޑޭޓަކަށް ވޯޓުދެއްވަން ރައީސް ވަނީ އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ބޮޑުތަނުން އެމްޑިޕީގެ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނޭ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ކަންކަން ކުރިއަށް ގެންދެވޭނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ މާކުރަތަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައި ތަރައްގީ އަށް ކުރަން ހުރި ބައެއް ކަންތައްތަކުގެ ތަފްސީލް މެމްބަރުންނަށް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން