ރިޔާސީ ޕްރައިމަރީއަށް ނިކުމެވަޑައިގަތީ އެމްޑީޕީ ތެރޭގައި ޑީއާރްޕީ ފިކުރު ގަދަވެފައިވާތީ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން އއ. ހިމަންދޫގައި މިއަދު ހަވީރު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރެއަށް ޑީއާރުޕީގެ ފިކުރު ފޭދޭން ފަށައިފިކަަމަށެވެ. އެމަނިކުފާނު ޕްރައިމަރީއަށް ނިކުމެވަޑައިގަަތީ އެހެންވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަސާސްތައް އަބަދުވެސް ހިފަހައްޓަންޖެހޭނެ ކަމަށެވެ.

"އެމްޑީޕީގެ މަސައްކަތެއް އަޅުގަނޑުމެން މިއުޅެނީ ދުވަހަކުވެސް އެހެން ޕާޓީއަކަށް އެހެން ވިސްނުމަކަށް އެހެން ފިކުރަކަށް އަޅުގަނޑުމެންނެއް ލެބިފަކާއެއް ނުވާނެ، ރިޝްވަތުގެ ފައިސާ އާއި ކޮރަޕްޝަންގެ އަމަލުތަކަކީ މި ޕާޓީ އަބަދުވެސް ކަންބޮޑުވާ ކަންތައްތަކެއް. އަޅުގަނޑުމެންނަށް އެބަ އެނގޭ ތަރައްގީއަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ރިޝްވަތު ވައްކަން، ޚިޔާނަތް، މާތް ރަސްކަލާނގެ ނަހީކުރަށްވާފައިވާ އެންމެހާ ކަންކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުން ވޯޓް ދޭނީ ރައްޔިތުންގެ ނަޒަރުގައި އެމީހުން ބޭނުންގޮތަކަށް އެންމެ ރަނގަޅަށް ތަރައްގީގެ ކަންކަން ހިންގޭނެ ފަދަ ގޮތަކަށް ކަމަށެވެ. ނަޝީދު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އެމަނިކުފާނުގެ ވިސްނުމުގައި ކަންކަން ތަންފީޒު ކުރަމުންދާ ސަރުކާރެއް އޮތުން ވަރަށް ބޭނުންތެރިކަމަށެވެ.

މަހުގެ އަގު އުފުލުމާއި ތަކެތީގެ އަގު ދަށްވުމާއި ޓެކްސްތައް ބޮޑުވިޔަ ނުދިނުމަށް ބޭނުންވުމީ އެމްޑީޕީގެ ވިސްނުމެއް ކަަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ދިވެހިން އެދޭ ބަދަލާއި ކާމިޔާބީއަކީ އާންމު ހާލަތު ރަނގަޅުވުން ކަމަށާއި އިއްޔެ ޖީބަށް ލިބުނު އެއްޗަކަށްވުރެ މިއަދު ރަނގަޅު އެއްޗެއް ލިބުމާއި ތަނަވަސްކަންމަތީގައި ދިރިއުޅެވޭނެ ގޮތްވުން ކަމަށެވެ. އަދި އެކަމަށްޓަކައި އެމްޑީޕީގެ އުސޫލުތަކާއި ހަމަތައް ހިފަހައްޓަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މަސައްކަތާއި ވަޒީފާއާއި ވިޔަފާރިއާއި ތަނަވަސްކަމާއި މިކަންކަމަކީ ވަކި ހާއްސަ ކަންތައްތަކެއް ވަކި އިރެެއްގައި ވަކިގޮތަކަށް ކުރެވުނީމަ ފުރިހަމަވެގެން އަންނަ ކަންކަން އެއީ ކުޑަ ރަށެއް ބޮޑު ރަށެއް ފަޅު ރަށެއް އެއެެއް މިއެއް ބަލާނުލައި ހަރަދުކުރަމުން ދިޔުމެއް ނޫން، މުޅި ރާއްޖެ ތަރައްގީވެގެން، މިއިން އެއްވެސް ރަށެއް ތަރައްގީވާނީ، އެެއް އޮޑިއެއް ނާރާނެ ދިޔަވަރު ބޮޑުވީމަ ހުރިހާ އޮޑިއެއް އެއްފަހަރާއި އަރާނެ އަޅުގަނޑުމެން ދިޔަވަރު ބޮޑުކުރާންޖެހޭ."ނަޝީދު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން