ދެކުނުގެ މަސްވެރިންނަށް ތެޔޮ ހޯދުމަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން މިފްކޯއާއި އެފްއެސްއެމާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން މިފްކޯ ކޫއްޑޫ އަދި ސ. ހުޅުހުމީދޫގެ ފިއުލް ޓާމިނަލް ހިންގުން އެފްއެސްއެމްގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލަކީ މިފްކޯގެ ސައިޓްތައް މެދުވެރިކޮށް މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ގެނެވުނު ސްޓްރެޓެޖިކް ބަދަލެއްކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެސްޓީއޯއިން ބުނީ މި ބަދަލުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނަށް ބޭނުންވާވަރަށް، އެސްޓީއޯ ގްރޫޕްގެ ދަށުން ހިންގާ މިފްކޯގެ ސައިޓުތަކުން ތެޔޮ ގަންނަން ލިބޭނޭގޮތް ހަމަޖައްސައިދިނުންކަމަށެވެ. އެގޮތުން، އެފް.އެސް.އެމުން ވަނީ، މިފްކޯގެ ޓާމިނަލްތަކުގައި މަދުނުވާވަރަށް އަބަދުވެސް ތެޔޮލިބެން ހުންނާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި މި އެމް.އޯ.ޔޫގެދަށުން މިފްކޯއިން ފިއުލް އޮޕަރޭޝަންތައް އެފްއެސްއެމަށް ހަވާލުކުރުމަށް އެހީތެރިވެދޭނެ ބަދަލެއްކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މި ބަދަލާއެކު މިފްކޯގެ މައިގަނޑު ވިޔަފާރި ކަމުގައިވާ، މަސް ޕްރޮސެސްކުރުން، ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދެވޭނެކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ. މިވަގުތު މިފްކޯއިން މަސްވެރިންނަށް ފައިސާ ދައްކަނީ ފިއުލް ބިލް އުނިކުރުމަށްފަހުއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމާއި ހަވާލުވުމުން، މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައިވަނީ ސީދާ އެފްއެސްއެމަށެވެ. މިއާއެކު މިފްކޯއިން މަސްވެރިންނަށް އެ ފަރާތްތަކުން ބާނާ މާހުގެ ޖުމްލަ ފައިސާ، ތެލަށް ނުކަނޑާ، ލިބޭނެއެވެ.

 

އޮޕަރޭޝަންތަކަށް ބަދަލު ގެނައުމުގެ އިތުރުން މަސްވެރިކަންކުރާ އުޅަނދުތަކަށް ކްރެޑިޓް ސްކީމެއް ހުޅުވާފައިވާނެކަމަށް އެފްއެސްއެމުން ވަނީ އިއުލާން ކޮށްފައެވެ. އެ ސްކީމްގެ ދަށުން މަސްބާނާ އުޅަނދުތަކަށް ކްރެޑިޓް އުސޫލުން، ތެޔޮ ގަނެވޭނެ އެވެ. މި ކްރެޑިޓް ފެސިލިޓީ ބިނާވެގެންދާނީ އެފްއެސްއެމް، މިފްކޯ އަދި އޮޑި ވެރިއާ އާއި ދެމެދު ހެދޭ ޓްރައި ޕާޓީ އެގްރީމަންޓެއްގެ މައްޗަށެވެ.

އެފްއެސްއެމުން ކްރެޑިޓް ސްކީމަށް އެޕްލިކޭޝަން ހުޅުވާފައިވަނީ އެ ކުންފުނީގެ ވެބްސައިޓުން ލިބޭ ފޯމެއް މެދުވެރިކޮށެވެ. އަދި އެ ފޯމު މިފްކޯ ކޫއްޑޫ އަދި ހުޅުމީދޫ ސައިޓުން ވެސް ލިބެން ހުންނާނެއެވެ. މީގެ އިތުރުން މަސްވެރިން ހަރަކާތްތެރިވާ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް މި ފޯމު ވަނީ މިހާރު އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން